އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 15 އަހަރަށްވުރެ ދިގު ސިޔާސީ ޙަޔާތަށް ނިމުމެއް އަތުވެދާނެ ކަމުގެ އުންމީދުތައް ބޮޑުވެފައިވާއިރު، އޭނާގެ ސިޔާސީ މުސްތަޤްބަލާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަންނަ ޤާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ އިންތިޚާބަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ޙަމަލާއަށްފަހު އިސްރާއީލުގައި ބޭއްވޭ ފުރަތަމަ ޢާންމު އިންތިޚާބަށްވާއިރު، ނަތަންޔާހޫ ގެންދަވަނީ އޭނާގެ ސިޔާސީ ޙަޔާތުގެ އެންމެ ނާޒުކު އަދި ނުރައްކާތެރި ދުވަސްތައް ތަޙައްމަލު ކުރައްވަމުންނެވެ.

ޣައްޒާއާއި ސަރަހައްދީ ހަނގުރާމަތައް ނަތަންޔާހޫގެ ސަރުކާރުން ކުރިއަށްގެންދިޔަ ގޮތާމެދު އާންމުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ. ޚާއްސަކޮށް، ރަހީނުން ސަލާމަތްކުރުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެއާއި، ގައުމުގެ އިގްތިސާދާއި ބައިނަލްއަގުވާމީ އަބުރަށް ލިބުނު ގެއްލުންތަކުގެ ޒިންމާ ނަތަންޔާހޫ ނަންގަވަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކާއި ބޭރުގައި އުޅޭ އިސްރާއީލީން ގަބޫލުކުރެއެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅެމުންދާ އިސްރާއީލުގެ ގިނަ އަދަދެއްގެ ރައްޔިތުން އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެނބުރި ގައުމަށް އަންނަން ފަށައިފިއެވެ. އިސްރާއީލުގެ ގާނޫނުތައް ހަމަޖެހިފައިވާ ގޮތުން، ގައުމުން ބޭރުގައި ތިބޭ އާންމު ރައްޔިތުންނަށް އެމްބަސީތައް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ނުލިބޭތީ، އިންތިޚާބީ ނަތީޖާއަށް ބަދަލުުގެނައުމަށް ބޭނުންވާ ފަރާތްތަކުން ދަނީ އަމިއްލަ ޚަރަދުގައި ވައިގެ މަގުން ތެލް އަވީވްގެ ބެން ގޫރިއަން އެއާޕޯޓަށް އެތެރެވަމުންނެވެ. މީގެ ކުރިން އިންތިޚާބުތަކުގައި ވޯޓުނުލާ ބޭރުގައި ތިބި ގިނަ ބަޔަކު މިފަހަރު ވޯޓުލާން އައުމަކީ، ނެތަންޔާހޫއަށް ވާދަވެރި ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިންތިޚާބުގެ ކުރިން ނެގުނު އެންމެ ފަހުގެ ޚިޔާލުހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި، އިދިކޮޅު އިއްތިހާދުން ވަނީ ނަތަންޔާހޫގެ ލިކުޑް ޕާޓީއާއި އޭނާގެ ކޯލިޝަން ބްލޮކަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ 54 ގޮނޑި ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ނަތަންޔާހޫގެ ތާއީދުކުރާ ކޯލިޝަނަށް ލިބޭނެކަމަށް ދައްކަނީ 48 ގޮނޑިއެވެ. މީގެއިތުރުން، ބޮޑުވަޒީރުކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ކާކުތޯ ބެލުމަށް ނެގުނު ވޯޓުތަކުންވެސް، އިދިކޮޅު ލީޑަރުން ކަމަށްވާ ގާދީ އައިސެންކޮޓް އާއި ނަފްތާލީ ބެނެޓް ވަނީ ނަތަންޔާހޫއަށްވުރެ ކުރި ހޯއްދަވާފައެވެ.

ނަމަވެސް ސިޔާސީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުގެ އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރު ނަތަންޔާހޫ ސިޔާސީ ގޮތުން އެއްކޮށް ބަލިވީކަމަށް ނިންމުމަކީ އަދި އަވަސް މާޔޫސީއެކެވެ. އިސްރާއީލުގެ ބޮޑުވަޒީރުކަން ލިބެނީ ސީދާ ރައްޔިތުންގެ ވޯޓުން ނޫންކަމަށްވެފައި، މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި ހަމަކުރުމަށްޓަކައި ކުދި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ކުޅަދާނަކަން ނަތަންޔާހޫގެ ކިބައިގައި ހުރުމުން، އިންތިޚާބުގެ ނަތީޖާއަށްފަހުވެސް އޭނާ ވެރިކަމުގައި ދެމިހުރުމަށް މަގުތަކެއް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު