ޗައިނާގެ ވެރިރަށް ބެއިޖިންގައި މޯލްޑިވިއަން އޮފީސް ހުޅުވުން
ޗައިނާގެ ވެރިރަށް ބެއިޖިންގައި މޯލްޑިވިއަން އޮފީސް ހުޅުވުން
ޤައުމީ އެއާލައިން، މޯލްޑިވިއަންއިން، އެކުންފުނީގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޗައިނާގެ ބާޒާރުގައި އެ އެއާލައިންގެ ހަރަކާތްތައް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ބެއިޖިންގައި މޯލްޑިވިއަންގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައި.އޭ.އެސް.) ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބުއެވެ. މި ރަސްމިއްޔާތު އޮތީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ވަގުތެއްގައެވެ.

މޯލްޑިވިއަންއިން ބުނީ، މި އޮފީސް ހުޅުވުމާއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަތައް އިތުރުވެ، ދެ ޤައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.





މޯލްޑިވިއަންއިން މިވަގުތުވެސް ދަނީ ޗައިނާގެ ބެއިޖިންގ، ޝަންހާއީ އަދި އެހެންވެސް ބައެއް މުހިންމު ސިޓީތަކަށް ދަތުރުތައް ބާއްވަމުންނެވެ. މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި މޯލްޑިވިއަންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި އޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޗައިނާގެ ބާޒާރުން ލިބޭ ފައިދާ އިތުރުވެ، ދެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މިއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މޯލްޑިވިއަންއިން އުންމީދުކުރަނީ މި އޮފީހުގެ ސަބަބުން ޗައިނާގައި އެ އެއާލައިންގެ މަޤްބޫލުކަން އިތުރުވެ، ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް