އިންޒެކް 2026 އިފްތިތާހު ކުރުން، ފޮޓޯ: ޒަކާތު ހައުސް
އިންޒެކް 2026 އިފްތިތާހު ކުރުން، ފޮޓޯ: ޒަކާތު ހައުސް
މާލޭ ސިޓީގެ އިސްލާމީ މަރުކަޒުގައި، މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް "އިންޒެކް 2026" ރަސްމީކޮށް ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.

މި ކޮންފަރެންސަކީ އިސްލާމީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން މި ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ މަޤްޞަދުގައި ބާއްވާ ބައްދަލުވުމެކެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ "އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިޤުތިޞާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގައި އަލަށް ފާހަގަކުރެވޭ ނާޒުކު ޙާލަތްތައް ދެނެގަތުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، ޒަކާތް ޙައްޤުވާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށްޓަކައި ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުމެވެ.

ކީރިތި ޤުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އެއަށްފަހު، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ މި ޖަލްސާގައި ވާހަކަފުޅުދައްކަވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާޙުކުރެވުނު ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ 2026-2028) ނެރެދެއްވީ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލާ ފާޠިމަތު އަމީޒާއެވެ. މި ޕްލޭނަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ މަޝްރޫޢުތައް ކުރިއެރުވުމަށް އެކުލަވާލާފައިވާ މުހިންމު ޕްލޭނެކެވެ.

މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މި ރަސްމިއްޔާތަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ. ވަޒީރުގެ މެސެޖު އިއްވަވައިދެއްވީ އެސިސްޓެންޓް ޒަކާތު އޮފިސަރ އަލްފާޟިލާ ޢާޝިޔާ ޞާލިޙެވެ. ވަޒީރުގެ މެސެޖުގައި، ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ޒަކާތުގެ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، ޖަވާބުދާރީވުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ޖުމްލަ ތިން ސެޝަނެއްގެ މައްޗަށް އެކުލެވިގެން ކުރިއަށްދާ އިންޒެކް 2026 ގެ ކޮންމެ ސެޝަނެއްގައިވެސް މައިގަނޑު ތަޤްރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. އެގޮތުން މަޝްވަރާކުރެވޭ މައުޟޫޢުތަކުގެ ތެރޭގައި ޢާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ޙާލަތްތަކުގައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ޒަކާތް ލިބޭ ފަރާތްތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ މުޖުތަމަޢަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތައް ހިމެނެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ މި ކޮންފަރެންސް މެދުވެރިކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް، މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމެވެ. އަދި ފަޤީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް ޒަކާތާއި އިސްލާމީ އިޖުތިމާޢީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް ޢަމަލީ ޙައްލުތަކެއް ހޯދުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް