އިންޒެކް 2026، ފޮޓޯ: ޒަކާތު ހައުސް
އިންޒެކް 2026، ފޮޓޯ: ޒަކާތު ހައުސް
އިޖުތިމާޢީ ރައްކާތެރިކަން ވަރުގަދަކުރުމަށާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، އަދި ވިލުންވެރި މުޖުތަމަޢުތަކެއް ބިނާކުރުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް ހުށަހެޅުނު މުހިންމު ހަ ކަމަކާ އެކު، ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް "އިންޒެކް 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، އިސްލާމީ އިޖުތިމާއީ ފައިނޭންސްގެ ނަފާ އިތުރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށްޓަކައި ޢިލްމުވެރިންނާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، މި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށްގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސް ބާއްވާފައިވަނީ މާލޭގެ އިސްލާމީ މަރުކަޒުގައެވެ.

މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ހުށަހެޅުންތައް ހުށަހަޅުއްވައިދެއްވަމުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ، ކޮންފަރެންސްގައި ހިއްސާކުރެވުނު މަޢުލޫމާތުތަކާއި ޚިޔާލުތަކަކީ ދިގު މުއްދަތުގެ މާލީ ހަމަޖެހުމާއި އިޤްތިޞާދީ ބާރުވެރިކަމަށް މަގުފަހިކޮށްދޭ، ވިލަރެސްކުރެވިފައިވާ ސިޔާސަތުތަކަކަށާއި ޢަމަލީ އިސްނެގުންތަކަކަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މި ހުށަހެޅުންތަކަކީ މި ޒަމާނުގައި ދިމާވާ ނާޒުކު ޙާލަތްތަކާއި، މުއައްސަސާތަކުގެ އެއްބާރުލުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތް ބޭނުންކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކީނޯޓް ސްޕީކަރުންނާއި ޕެނަލިސްޓުން ކުރެއްވި މަޝްވަރާތަކުގެ އަލީގައި އެކުލަވައިލެވުނު ކަންކަމެވެ.

ކޮންފަރެންސުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ނާޒުކު ޙާލަތްތަކުގައިވާ ގޭބިސީތައް ކުރީބައިގައި ދެނެގަނެ، އެ ފަރާތްތަކުގެ ބޭނުންތަކާއި ޤާބިލުކަން ފުރިހަމައަށް ވަޒަންކޮށް، އެހީތެރިކަމާއި ރައްކާތެރިކަމާއި ބާރުވެރިކުރުން ހިމެނޭހެން އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން، ކުރިއާލާ ދެވޭ އިޖުތިމާޢީ ރައްކާތެރިކަމާއި ގޭބިސީތަކުގެ ވިލުންވެރިކަން ވަރުގަދަކުރުން ހިމެނެއެވެ. އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި، ސާފުކޮށް ކަނޑައެޅިފައިވާ ޒިންމާތަކާއި، ލޯކަލް ޖަމްޢިއްޔާތަކާއި ދީނީ ޢިލްމުވެރިން ބައިވެރިވާ މުޖުތަމަޢާ ގުޅިފައިވާ ޙަރަކާތްތަކާއި، ވިލަރެސްކުރެވިފައިވާ ކާރިސާތަކަށް އިޖާބަދޭ ނިޒާމުތައް މެދުވެރިކޮށް، ޤައުމީ ފެންވަރުގައި ލާމެހިފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ އޮނިގަނޑެއް ޤާއިމުކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.

މީގެއިތުރުން، އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތަކުގެ ފައިދާ އިތުރުކުރުމަށްޓަކައި، މުއައްސަސާތަކުގެ މެދުގައި ރައްކާތެރިކަމާއެކު މަޢުލޫމާތު ބަދަލުކުރުމާއި، އެހީ ލިބޭ ފަރާތްތަކުގެ އެއް ނިޒާމެއް ޤާއިމުކުރުމާއި، ދިރާސާކުރުމުގައި އެއްބާރުލުން ދިނުމާއި، އަދި ވަޒަންކުރެވޭނެ ފަދަ ނަތީޖާތަކެއް ނެރެދޭ ޕްރޮގްރާމްތައް ހިންގުމަށް ހުށަހަޅައި، ޑޭޓާ އެއްކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، އަސާސީ އެހީތެރިކަމާއެކު އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތަކާއި، އަމިއްލަ ދިރިއުޅުން ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، އެންމެން ޝާމިލުވާ ތަޢުލީމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، އަދި ދެމެހެއްޓެނިވި ވަޒީފާއާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީގެން، ދެމެހެއްޓެނިވި ދިރިއުޅުމަކާއި އިޤްތިޞާދީ ބާރުވެރިކަން ކުރިއެރުވުމަށް ވެސް މި ކޮންފަރެންސްގައި ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ ފަސޭހައިން ލިބިގަނެވޭ މާލީ ޚިދުމަތްތަކާއި، ވިޔަފާރީގެ ތަމްރީނާއި މާލީ ހޭލުންތެރިކަމުގެ އެހީތެރިކަމާއެކު ދެވޭ ޒިންމާދާރު ފައިނޭންސިންގއާއި، ޝަރީޢާ ހުއްދަކުރާ މާލީ ވަސީލަތްތައް އިތުރަށް ބޭނުންކޮށްގެން، މާލީ ދާއިރާގައި އެންމެން ބައިވެރިކުރުމާއި އިސްލާމިކް ސޯޝަލް ފައިނޭންސް ފުޅާކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ޒަކާތް ބަލައިގަތުމާއި ވަސީލަތްތައް ހޯދުން ހަރުދަނާކުރުމާއި، ޙާލަތަށް ރިޢާޔަތްކޮށް ޝަރީޢާގެ ހަމަތަކާ އެއްގޮތަށް ޙައްޤުވެރިން ކަނޑައެޅުމާއި، މުއައްސަސާގެ ޒިންމާދާރުކަމާއި، ދެފުށް ފެންނަ ގޮތެއްގައި ނަތީޖާތައް ހާމަކުރުމާއި، އެހީ ލިބުނު ފަރާތްތަކުގެ ކާމިޔާބީގެ ވާހަކަތައް ލިޔެކިޔުމުން ފެންނަން ހުރުން ފަދަ ކަންކަމުގެ ތެރެއިން ޒަކާތުގެ ހިންގުމާއި، މުއައްސަސާގެ ހިންގުންތެރިކަމާއި، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.

ޝެއިޚް އިމްތިޠާއުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނާޒުކު ޙާލަތްތަކަށް ޙައްލު ހޯދުމަކީ ހަމައެކަނި އެވަގުތަކު ދިމާވާ ކުއްލި ބޭނުންތަކަށް އިޖާބަދިނުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ކަމެކެވެ. ފަރުދުންނާއި އާއިލާތަކަށް ދެމެހެއްޓެނިވި މާލީ ރައްކާތެރިކަން ހޯދައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ހަރުދަނާ މުއައްސަސާތަކާއި، މާނަވީ ބައިވެރިވުންތަކާއި، އަދި މެދުކެނޑުމެއްނެތް މަސައްކަތްތަކަކީ ކޮންމެހެން ބޭނުންތެރި ކަންތައްތައްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސުން ނުކުންނަ ހުށަހެޅުންތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް ކަނޑައެޅުމުގެ މަޝްވަރާތަކަށް އެހީތެރިވެދީ، މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެއެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމާއި، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމާއި ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް މަގުފަހިކޮށްދޭ އަމަލީ މަސައްކަތްތަކަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އުންމީދުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް