ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

އެމަނިކުފާނަކީ ޝަރީއަތާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއްވެސް މެއެވެ. އެގޮތުން، 2002 ވަނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަސިޓީން ވަނީ މާސްޓާ އޮފް ޝަރީއާ ފުރިހަމަ ކުރަށްވާފައެވެ.

ޝަރުއީ ދާއިރާގައި ފަނޑިޔާރު އަލީ ރަޝީދު މަސައްކަތްޕުޅު ފެއްޓެވީ މާރިޗު 5، 2007 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި މަރުހަލާތަކުގެ ކޯޓުތަކުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޟީކަމާއި، ޑްރަގް ކޯޓުގެ ގާޟީކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޟީކަން ހިމެނެއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޟީއެއްގެ މަގާމުގައެވެ. ދިގު މުއްދަތަކަށް ފަހު ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަށްވައި، ބައެއް ކޮލެޖްތަކުގައި ޤާނޫނު އުނގަންނަވައި ދެއްވުމުގެ މަސައްކަތްވެސް ކުރަށްވާފައެވެ.

ފަނޑިޔާރު ޢަލީ ރަޝީދު މަގާމުން ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވަނީ މި އަހަރު ނިމުމުންނެވެ. މީގެކުރިން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު ރިޓަޔާ ކުރަށްވާފައެވެ. އޭގެކުރިން ފަނޑިޔާރު ސުޢޫދު ރިޓަޔާ ކުރަށްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ވަނީ މަޤާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު