ހުޅުމާލެ އަދި މާލޭގައި ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު މަގުމަތީގެ އެކްސިޑެންޓްތަކުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސް، އުއްމީދީ ކުރިއެރުންތަކެއް ފެންނަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން އޮކްޓޫބަރު 8 ގައި ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް ބަލާއިރު، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައެވެ. އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެކެވެ. މި މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ.

ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް މިފަދަ ހެޔޮ ނަތީޖާތަކެއް ވަނީ ފާހަގަކުރެވިފައެވެ. މާލޭގެ މަގުތަކުގައި 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ހާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފައެވެ. މިއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެކެވެ.

މާލޭގެ މަގުތަކުގައި ވެސް ޓްރެފިކް ފުލުހުން ދަނީ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 600 މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ 13 ފަރާތަކަށް ވަނީ ނަސޭހަތްދީ، ވިސްނައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު