ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު--
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު--
ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ސަރުކާރުގެ ހިދުމަތތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ މުހިންމު ސިޔާސަތެއްގެ ދަށުން، ގައުމީ ފެންވަރުގައި ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ގާއިމުކުރުމަށާއި ޓްރެފިކް މައްސަލަތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ގައުމު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތަފުސީލު ހާމަކުރެއްވިއެވެ. އެގޮތުން، ރައްކާތެރިކަމާއެކު ދައުލަތުގެ ޑޭޓާ ރައްކާކޮށް ބެލެހެއްޓުމަށް 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' ޤާއިމުކުރުމުގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ 'ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް' ނުވަތަ ސްމާޓް ކާޑުގެ ނިޒާމެއް ތައާރަފުކުރައްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓެކްނޮލޮޖީގެ އެހީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ނިޒާމު ޑިޖިޓަލައިޒްކޮށް ބެލެހެއްޓޭނެ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި ނިޒާމާ ގުޅިގެން، ޓްރާންސްޕޯޓް ނިޒާމު ހަރުދަނާކުރުމަށް 'ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުތަކާއެކު، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު