މަނަދޫގައި ޤާއިމުކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަނަދޫގައި ޤާއިމުކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނ. މަނަދޫގައި އަލަށް ޢިމާރާތްކުރަމުންދާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޢިމާރާތުގެ ފާރުތައް ރާނައި ނިމި، މުޅި މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.

އަތޮޅުތެރޭގައި ދީނީ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މުހިންމު މަޝްރޫޢުގެ ދަށުން، މަނަދޫގައި ބިނާކުރާ މި ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ ތަނެކެވެ. އެގޮތުން، މި ޢިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްޞަ 3 ކްލާސްރޫމާއި، ދީނީ އަދި އިލްމީ ފޮތްތައް ހިމެނޭ ޒަމާނީ ލައިބްރަރީއެއްގެ އިތުރުން ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ހިމެނެއެވެ.

މީގެއިތުރުން، އެ މަރުކަޒުގެ ހިންގުމުގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް ބަޔަކާއި، ކީރިތި ޤުރުއާން ހިފްޡުކުރާ ދަރިވަރުންގެ ފެންވަރު ބެލުމަށާއި ހިފްޡު އިމްތިޙާނުތައް ކުރިއަށްގެންދިއުމަށް ޚާއްޞަ ބައެއްވެސް މި ޢިމާރާތުގައި ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، އަތޮޅުތަކުގެ ރަށްރަށުގައި ތިބެގެން ކީރިތި ޤުރުއާން އުނގެނުމުގެ ފުރުޞަތުތައް ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. އަދި މުޅި ރާއްޖެއަށް ޤުރުއާނުގެ ޢިލްމާއި މަންހަޖު ފަތުރައި، އިސްލާމީ ތަރުބިއްޔަތު މުޖުތަމަޢުގައި ވަރުގަދަކުރުމަކީވެސް މިފަދަ މަޝްރޫޢުތަކުގެ މުހިންމު އަމާޒެކެވެ.

މަނަދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް