އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ
މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ޙަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑު ކަމަށްވާ 'ވަން އެމްޑްބްލިއުއެސްސީ' އިނީޝިއޭޓިވް، އެ ކުންފުނީގެ އަހަރީ ސްޓާފް އެވޯޑް ނައިޓްގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި މި ކުލަގަދަ ހަފްލާގައި މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. މި ހަފްލާއަކީ ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކުރެއްވި މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ މޮޅު މަސައްކަތްތަކެއް ކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.

މި ޙަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ބޯޑުގެ އެކްޓިންގ ޗެއާޕަރސަން ޢައިޝަތު ރޫޙީ އާއި، މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.

އެމްޑަބްލިއުއެސްސީގެ ސްޓާފް އެވޯޑު ނައިޓު، ފޮޓޯ: އެމްޑަބްލިއުއެސްސީ


މި އެވޯޑް ނައިޓުގައި ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކުރިއިރު، ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް އަރުވާފައެވެ. އަދި ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް އަގުހުރި، އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިގެން ދެވޭ އެންމެ ޚާއްޞަ ޝަރަފު ކަމަށްވާ 'ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް' މި އަހަރު ހާސިލުކުރެއްވީ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ އާސިފް ޙަސަން ޖަނާހް މޫސާއެވެ.

އެމްޑަބްލިއުއެސްސީގެ ސްޓާފަކާ އެވޯޑު ހަވާލުކުރަނީ، ފޮޓޯ: އެމްޑަބްލިއުއެސްސީ


ހަފްލާގައި ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މުވައްޒަފުންގެ ހުނަރު ފާހަގަކޮށް އަގުވަޒަންކުރުމަކީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު މުވައްޒަފުން ބިނާކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ގިނަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ފަހިކޮށްދެވިފައިވާ ކަމަށާއި، މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަމުގެ އިތުރުން ހިތްހަމަޖެހޭ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

މީގެއިތުރުން، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންގެ އަސާސީ ޙައްޤަކަށްވާތީ، މެދުކެނޑުމެއްނެތި މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް ޙުސައިން ފަހުމީ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް