މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި އިން ހަދާފައިވާ ފޮޓޯއެއް
މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭގެ ކުޑަރަހަ ތިލައިގައި، ބޭރުގެ ތިން ޑައިވަރަކާއެކު ކުރިމަތިލުމެއް ހިނގާފައިވާ ކަމަށް ޗައިނާގެ ޑައިވިން އިންސްޓްރަކްޓަރަކު ތުހުމަތުކޮށްފިއެވެ.

އޭނާ ބުނާ ގޮތުގައި، ކަނޑުގެ 18 މީޓަރު އަޑީގައި ވަނިކޮށް، އޭގެ ތެރެއިން އެކަކު ވަނީ އޭނާގެ ޑައިވިން މާސްކާއި ނޭވާލާން ބޭނުންކުރާ ރެގިއުލޭޓަރު ނައްޓާލަން މަސައްކަތްކޮށްފައެވެ.

ސިންގަޕޫރުގެ "8ވޯލްޑް" އިން ޗައިނާގެ "ޔަންގްޒީ އީވްނިން ނިއުސް" އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ ހެނދުނު 7:36 ހާއިރުއެވެ. "ޝިއާއޯ ޑޫ" ގެ ނަމުން ފާހަގަކޮށްފައިވާ މި އިންސްޓްރަކްޓަރު ބުނި ގޮތުގައި، އަމިއްލަ ނަފްސުގެ ދިފާއުގައި އޭނާ ވަނީ އެތަނުން އެކަކު ދުރަށް ކޮށްޕާލާފައެވެ. މި ހާދިސާގައި އޭނާއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެއީ ވަރަށް ބިރުވެރި ތަޖުރިބާއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، މި ހާދިސާގައި ބައިވެރިވި މީހުންގެ ތެރޭގައި ބޭރުގެ ފިރިހެން ޑައިވަރަކާއި، ހުދު ކުލައިގެ ސޯޓެއް ލައިގެން ހުރި ޑައިވް ގައިޑެއްގެ އިތުރުން ދެން ތިބި ގްރޫޕުގެ މީހަކު ހިމެނެއެވެ. ނަމަވެސް އެ މީހުންގެ ފުރިހަމަ ނަމާއި ގައުމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ސަފާރީ އޮޕަރޭޓްކުރާ "މޯލްޑިވްސް ލެޖެންޑް" އިން ވަނީ މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދީ، މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އަދި މި ހާދިސާގައި "އިންފިނިޓީ އެކްސް" އާ ގުޅުންހުރި ޑައިވް ގައިޑެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑުއަޑީގައި ޑައިވަރެއްގެ ނޭވާލާ ސާމާނަށް ހުރަސް އެޅުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. މި ތުހުމަތުތައް އަދި މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައި ނުވާއިރު، ތަހުގީގުގެ އެންމެ ފަހުގެ ނަތީޖާއެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް