ދިވެހިރާއްޖެއާއި ޒެންޒިބާރާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުން
ދިވެހިރާއްޖެއާއި ޒެންޒިބާރާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުން
އިސްލާމީ މުހިންމު ދާއިރާތަކުން، ޚާއްޞަކޮށް އިސްލާމިކް ފައިނޭންސާއި، ޒަކާތާއި، ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، އެ ދާއިރާތައް އިތުރަށް ކުރިއެރުވުމާ ބެހޭގޮތުން ދިވެހިރާއްޖެއާއި ޒެންޒިބާރުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވާފައިވެއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއަށް ޒިޔާރަތްކުރެއްވި ޒެންޒިބާރުގެ އިސް ވަފުދަކާއެކު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، އޮނަރަބަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ރާއްޖެއަށް ޒިޔާރަތްކުރެއްވި ޒެންޒިބާރުގެ ވަފުދުގެ ތެރޭގައި ޒެންޒިބާރު ޓްރެޜަރީ ސުކޫކް އެސް.ޕީ.ވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން، ސީ.ޕީ.އޭ. ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑް.އައި.ސީ. ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަޤުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު، ޑޮކްޓަރ ޢަބްދުﷲ ޢުއްސީ ޙަމަދުގެ އިތުރުން ޒެޑް.އައި.ސީ. ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ މެންބަރު، ޑޮކްޓަރ ރަޖަބް ޢުމަރު ރަޖަބު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ، ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، އައްޝައިޚް އިމްތިތާޢު ޢައްބާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ ޒެންޒިބާރުގެ ވަފުދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދެޤައުމުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެބޭފުޅުން ކުރެއްވި ޒިޔާރަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ދިވެހިރާއްޖެއާއި ޒެންޒިބާރުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އިސްލާމިކް ފައިނޭންސް ޚިދުމަތްތައް ކުރިއެރުވުމާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ވަޤުފް އިންވެސްޓްމަންޓް އުޞޫލުތައް ތަރައްޤީކޮށް އިސްލާމީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު