އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ވޯޓު ލަނީ، ފޮޓޯ: ނުގުތާ
އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި ވޯޓު ލަނީ، ފޮޓޯ: ނުގުތާ
ރަސްމާލޭގެ ބިން ހިއްސާ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން، އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަމަލުކުރާނެ ގޮތުގެ ރަސްމީ ސިޔާސަތު ކަނޑައެޅުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ގައުމީ މަޖިލީހުގެ 60 އަށްވުރެ ގިނަ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

މި ޖަލްސާގެ މައިގަނޑު ބޭނުމަކީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހަވާލުކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ސިޔާސަތު ކަނޑައެޅުމެވެ.

މީގެ ކުރިން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ ސިޔާސަތެއް ކަނޑައެޅުމަކީ ސަރުކާރުގެ ބާރެއް ނޫންކަމަށް އެމްޑީޕީން ގަބޫލުކުރާކަމަށް ފާހަގަކޮށް، މި މަޝްރޫއާ ގުޅޭ ތަފުސީލުތައް އާންމުކުރުމަށް ގޮވާލާފައެވެ.

މި މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ތަފާތު ހިޔާލުތައް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަޝްރޫއަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުންދާއިރު، ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތިއްބެވީ އެއާ ދެކޮޅަށެވެ.

މީގެއިތުރުން، ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުންނާމެދު މީގެ ކުރިން ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ނުސީދާ ބަސްފުޅެއް ދެއްވާފައެވެ.

ނަމަވެސް، މި މަޝްރޫއާ މެދު އެމްޑީޕީން އަމަލުކުރާނެ ގޮތުގެ ފަހުގެ ނިންމުން ނިންމާނީ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.



ކިޔުންތެރިންގެ ހިޔާލު