މުލީ ފިޓްނެސް ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މުލީ ފިޓްނެސް ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މ. މުލީގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ޒަމާނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ސީލިންގ އެޅުމުގެ މަރުޙަލާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 58 އިންސައްތަ މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އޮނިގަނޑު ރޭވުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

އެގޮތުން، އިމާރާތުގެ ބިންގާ އެޅުމަށްޓަކައި ކުރެވުނު ފައުންޑޭޝަން ފުޓިންގ އަދި ބެކްފިލިންގގެ މަސައްކަތްތަކާއި، ލީން ކޮންކްރީޓް އެޅުމާއި، ވަރުގަދަ ޓައި ބީމްތައް އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން ކޮލަމް ކާސްޓިންގ މަސައްކަތްތަކާއި، ފުރާޅު އެޅުމަށް ބޭނުންވާ ޓްރަސް ހަރުކުރުމުގެ މަރުޙަލާ ވެސް ވަނީ ފުރިހަމަކޮށްފައެވެ. އެހެންކަމުން، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ފިނިޝިންގ މަސައްކަތްތަކުގެ ތެރެއިން ސީލިންގ ހަރުކުރުމުގެ މަސައްކަތެވެ.

މުލީގައި މިފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށުގެ ޒުވާނުންނާއި އާންމު ރައްޔިތުން ދުޅަހެޔޮ، ޞިއްޙަތު ރަނގަޅު ދިރިއުޅުމަކަށް އަހުލުވެރިކުރުވުމެވެ. އަދި ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަށުގައި ތިބެގެން، ފަސޭހަކަމާއެކު ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެންވަރު ރަނގަޅު ފިޓްނަސް ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު ޤައުމީ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 119 އަށްވުރެ ގިނަ ރަށުގައި މިފަދަ ސެންޓަރުތައް އެޅުމުގެ ޢަމަލީ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ދަނީ ހަލުވިކަމާއެކު ހިންގަމުންނެވެ.

އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ސެންޓަރުތަކުގެ ޢިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން، އެތަންތަނަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ޖިމް އިކުއިޕްމަންޓްތަކާއި، އެއިރޯބިކްސް އަދި އެކި ވައްތަރުގެ ކަސްރަތުތަކަށް ޚާއްޞަ އާލާތްތައް ހޯދައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ބޭރުގެ ހިލޭ އެހީގެ ދަށުން ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު