ރާހުލް ގާންދީ.
ރާހުލް ގާންދީ.
އެމެރިކާގެ ފުރަތަމަ ނާއިބު ރައީސަކަށް އިންޑިޔާއަށް ނިސްބަތްވާ އަންހެން ބޭފުޅަކު އިންތިޚާބުވެވަޑައިގެންފައިވާތީ ފަހުރުވެރިވާކަމަށް އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި އިންޑިއާގެ ކުރީގެ ރައީސް ރާޖިވް ގާނދީގެ ދަރިކަލުން ރާހުލް ގާނދީ ވިދާޅުވެއްޖެއެވެ.

ރާހުލް ގާންދީ މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ނިންމައި ރައީސް ކަމަށް ހޮވިވަޑައިގެންނެވި ޖޯ ބައިޑެން އަދި ނާއިބު ރައީސާ ކަމަށް ހޮވިވަޑައިގެންނެވި ކަމަލާ ހެރިސް އަށް މަރުހަބާ ދަންނަވައި ކުރެެެއްވި ޓްވީޓެއްގައެވެ. ރާހުލް ގާނދީގެ ޓްވީޓުގައި އިންޑިޔާއަށް ނިސްބަތްވާ ކަމަލާ ހެރިސް ނާއިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވުމުން ފަހުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

1964 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާއަށް އުފަންވެވަޑައިގަތް ކަމަލާ ހެރިސްގެ ބައްޕަ އަކީ ޖަމައިކާ މީހެކެވެ. ކަމަލާ ހެރިސްގެ މަންމަ އަކީ އިންޑިޔާގެ ޓަމިލް ނާޑޫއަށް ނިސްބަތްވާ މީހެކެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެން އަދި ކަމަލާ ހެރިސްގެ ކާމިޔާބީއާއެކު އިންޑިޔާގެ ޓަމިލް ނާޑޫ ސްޓޭޓުންވެސް ދަނީ އެސްޓޭޓްއަށް ނިސްބަތްވާ ކަމަލާގެ ކާމިޔާބީ ފާހަގަކޮށް ފަހުރުވެރިވާކަން ހާމަކުރަމުންނެވެ. މިގޮތުން ކަމަލާ ހެރިސްގެ ފޮޓޯތައް އާންމު ސަރަހައްދުތަކުގައި ހަރުކޮށް، ކަމަލާ އަށް ކާމިޔާބީ ލިބުނުކަމަށްޓަކައި ޖަމާއަތުގައި އެއްވެ ޝުކުރުގެ ދުޢާއެއް ކޮށްފައިވެސްވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ލިބުނު ޖޯބައިޑަންއާއި ހެރިސްއަށް ލިބިވަޑައިގެންނެވި ކާމިޔާބާއާއެކު ކަމަލާ ހެރިސް ވެފައި ވަނީ އެމެރިކާގެ ފުރަތަމަ އަންހެން ނާއިބު ރައީސާއަށެވެ. އަދި މިއީ އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ކަޅުނަސްލުގެ އަންހެނަކު އެމެރިކާގެ ނާއިބު ރައީސަކަށް ވެގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން