ރާއްޖޭގެ އިސްލާމީވަންތަކަމާއި، ދިވެހިންގެ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފިއެވެ.

ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމާއި، މިނިވަންކަމަށް އަދި އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލުގެ ރަތްރޮނގު ހުރަސްނުކުރެވޭނެހެން، ޤައުމުގެ އިމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭކަމަށެވެ. އަދި ބޭރުގެ ދުނިޔެއާ މުޢާމަލާތް ކުރުމުގައި ދިވެހި ދައުލަތުގެ މައިކަށި ހަރުދަނާކޮށް، އިޤްތިޞާދީ މިނިވަންކަން ހޯދުމަށް "ޤައުމީ ފިކުރު" އެންމެ އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ ފަރުދީ އަދި ޤައުމީ ތަރައްޤީ އެއްވަރަކަށް ކުރިއަށް ގެންގޮސް، ދިވެހިރާއްޖެއަކީ ތަޙުޒީބީ އަދި ފުދުންތެރި ޤައުމަކަށް ހެދުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ތަޞައްވުރު ކަމަށެވެ. އެގޮތުން ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް އަދި އަޅާ ކޮންމެ ފިޔަވަޅެއް ވެސް އަމާޒުކުރާނީ އެ މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގައި ކަންހިނގާ ގޮތާއި މިނިވަންކަން މިއަދު ދިފާއުކުރަން ޖެހޭ ގޮތާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެެރެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާއި މިކަންކަމަށް ވިސްނުން ވަރަށް މުހިއްމު. ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގެ މޫނު އުޖާލާކުރަން އެބަ ޖެހޭ، ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން އެބަޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް