ގއ. ވިލިނގިލީގައި ޤާއިމުކުރި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގއ. ވިލިނގިލީގައި ޤާއިމުކުރި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ބިނާކުރި އެ މަރުކަޒުގެ ގޮފީގެ ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމިއްޖެއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ވިލިނގިލީގައި ޢިމާރާތްކުރި ގޮފީގެ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ އަތޮޅުތަކަށް އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ފުޅާދާއިރާއެއްގައި ފޯރުކޮށްދީ، ލާމަރުކަޒީ އުޞޫލުން މި ޚިދުމަތްތައް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވިލިނގިލީގައި އަލަށް ބިނާކުރި މި ޢިމާރާތުގައި ޤުރުއާނުގެ ރަސްމީ ކޯސްތައް ހިންގުމަށް ބޭނުންވާ ޒަމާނީ ކްލާސްރޫމްތަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީސް ޖާގަ ވަނީ ޤާއިމުކޮށްފައެވެ.

މި މަރުކަޒު ހުޅުވިގެން ދިއުމާއެކު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ މިންގަނޑުތަކަށް ފެތޭ ސެޓްފިކެޓް ލެވެލް 1 ން ފެށިގެން 4 ގެ ނިޔަލަށް ހިންގާ ޤިރާއަތު ކޯސްތަކާއި، ޤުރުއާން މުދައްރިސުންނާއި އިމާމުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގުރާމްތައް އެ ރަށުގައި ރަސްމީކޮށް ފެށިގެންދާނެއެވެ.

މީގެއިތުރުން، ގއ. އަތޮޅުގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ ގޮތުން، ފެންވަރު ރަނގަޅު ޤުރުއާން މުދައްރިސުން އެ ސަރަޙައްދުން ހޯދައި، ވަޒީފާއަށް ނެރުމުގެ މަސައްކަތްވެސް މި މަރުކަޒު މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު