ނައުޝާދު މޫސާ ބަންދުން ދޫކޮށްލުމުން މިސްކިތުގައި ނިދާފައި-
ނައުޝާދު މޫސާ ބަންދުން ދޫކޮށްލުމުން މިސްކިތުގައި ނިދާފައި-
މާލޭ މަސްޖިދުލް ފުރްޤާންއަށް ވަދެ މިސްކިތުގެ ހުރުމަތް ކަނޑައި، އެތަނަށް ބޮޑުކަމުދިޔަ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމާ އެކު، އޭނާ އަނެއްކާވެސް މިސްކިތަށް ވަދެ ނިދާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައިގައި ބަންދުން ދޫކޮށްލުމަށް ފަހު އަލުން މިސްކިތަށް ވަދެފައިވަނީ ގ. މާލެހިޔާ 2 02-13، ނައުޝާދު މޫސާ (32އ) އެވެ. އޭނާ ބަންދުން ދޫކޮށްލުމާ ގުޅިގެން ރޭގެ ވަގުތެއްގައި އަނެއްކާވެސް މިސްކިތަށް ވަދެ އެތަނުގައި ނިދާފައި އޮއްވާ ވަނީ ފެނިފައެވެ.

ނައުޝާދު އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ފަތިހު 4:14 ހާއިރު ފުރުޤާން މިސްކިތަށް ވަދެ، އެތަނަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ހިންގި މައްސަލައިގައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިސްކިތަށް ގެއްލުންދިން މި މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވެ، 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، އޭނާ ބަންދުގައި 1 މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއްދަތު އޭނާގެ އަދަބުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ކޯޓުން އޭނާ މިނިވަންކުރުމާ އެކު، މާގިނައިރުތަކެއް ނުވެ އަނެއްކާވެސް މިސްކިތަށް ވަދެ ނިދާފައި އޮތުމުން އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު