ކްރިމިނަލް ކޯޓު-
ކްރިމިނަލް ކޯޓު-
ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކޮކޭން އެތެރެކުރުމަށް އެހީތެރިވެދިނުމާއި، ކެނެބިސް ޕެޑްލްކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހިމެނޭހެން މަސްތުވާތަކެތީގެ ހަތަރު ދައުވާއެއް ސާބިތުވެ ކ. މާލެ، މ. އިދާލާ، ޢާލިފް ވަޙީދު 26 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި ހަތަރު މައްސަލައަކީ ވެސް ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ބައްލަވައި، މިދިޔަ އާދިއްތަ ދުވަހު ހުކުމް އިއްވެވި މައްސަލަތަކެކެވެ.

ޢާލިފްގެ މައްޗަށް އެންމެ ބޮޑު ކުށަކަށް ސާބިތުވެފައިވަނީ ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެހީތެރިވެދިން މައްސަލައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 3 އޭޕްރީލް 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނުގައި، އޮކޯންނާޗީގެ ހަށިގަނޑު ތެރޭގައި ފޮރުވައިގެން (ދިރުވާލައިގެން) ރާއްޖެ އެތެރެކުރި 82 ބުލެޓުން ޖުމްލަ 1،257 ގްރާމް (1.2 ކިލޯއަށް ވުރެ ގިނަ) ކޮކޭން ވަނީ އަތުލައިގެންފައެވެ.

ފުލުހުންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އޮކޯންނާޗީ ރާއްޖެ އައުމުން ހުރުމަށްޓަކައި ޝެރަޓަން މޯލްޑިވްސް ރިސޯޓުންނާއި ކ. ގުރައިދޫ ޕާމް އިން ގެސްޓްހައުސްއިން ބުކިން ހަދައި، އެކަމަށް ފައިސާ ދައްކާފައިވަނީ ޢާލިފްގެ އަމިއްލަ އެކައުންޓުންނެވެ. އަދި އޭނާ ރާއްޖެ އައި ވަގުތު އެއާޕޯޓަށް ގޮސް، އޭނާއަށް ފާރަލައި ހަރަކާތްތައް މޮނިޓާކޮށް އެހީތެރިވެދީފައިވަނީ ވެސް ޢާލިފެވެ.

އެހެންކަމުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ މާއްދީ އަދި މައުނަވީ ރުކުން ސާބިތުވާ ކަމަށް ކަނޑައަޅައި، މި ކުށުގެ އަދަބެއްގެ ގޮތުން އޭނާ 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، އެ ދުވަހު އެއާޕޯޓުން ޢާލިފް ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތް ވޮލެޓު ތެރެއިން 0.3931 ގްރާމްގެ ކޮކޭން (ތިން ރަބަރު ޕެކެޓް) ވަނީ ފެނިފައެވެ. އެހެންކަމުން އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ދެން ހިމެނެނީ 12 އޭޕްރީލް 2022 ގައި ޢާލިފް ދިރިއުޅޭ މ. އީޑަބްލިޔުޓީ ގޭގެ ކޮޓަރި ބަލައި ފާސްކުރިއިރު އަލަމާރި މަތިން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ހިންގި ޝަރީއަތްތަކެވެ. އެގޮތުން އަލަމާރި މަތިން 9.0499 ގްރާމްގެ ކެނެބިސް އަޅާފައި ހުރި ތިން ފިލްމު ދަޅު ފެނުނު މައްސަލައިގައި، ދައުލަތުން އޭނާގެ މައްޗަށް ކުރީ ކެނެބިހުން މުއާމަލާތުކުރުމުގެ ދައުވާއެވެ. ނަމަވެސް، ޢާލިފަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި، އެ ތަކެއްޗަކީ އަމިއްލައަށް ބޭނުންކުރަން ގެންގުޅުނު އެއްޗެއް ކަމަށް އޭނާ އިއުތިރާފުވުމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުން ވަނީ އެ ކުށް "ކެނެބިސް ޕެޑްލްކުރުމުގެ ކުށް" ކަމަށް ބަދަލުކޮށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

މި ކުށުގެ އަދަބެއްގެ ގޮތުން ޢާލިފް ފަސް އަހަރަށް ޖަލަށްލުމާއެކު 15،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު، މި މައްސަލައިގައި އޭނާ ތަންފީޒުކުރަން ޖެހެނީ ހަތަރު އަހަރާއި ފަސް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ހަމައެއާއެކު، އެ ދުވަހު އޭނާ ހައްޔަރުކޮށްގެން ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ކޮކޭންއަށް ޕޮޒިޓިވްވެފައިވާތީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. މި މައްސަލަތަކުގެ ނިންމެވުމުގައި ކޯޓުން ފާހަގަކުރައްވާފައިވަނީ، ހެކިންގެ ބަހުގައި ހުރި ކުދި ފުށުއެރުންތަކަކީ މައްސަލައިގެ އަސްލަށް ނުވަތަ ޖައުހަރަށް އަސަރުކުރާ ފަދަ ކަންކަން ނޫން ކަމަށެވެ. އަދި ފުލުހުންގެ ހެކިބަހުގެ އިތުރުން ފޯނުގެ ފޮރެންސިކް ރިޕޯޓުތަކާއި، ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ރިސޯޓު އަދި ގެސްޓްހައުސް އިންވޮއިސްތަކާއި ލެބޯޓަރީ ރިޕޯޓުތަކުން މައްސަލައިގެ ހުރިހާ ރުކުނެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން އުފުލި ހަތަރު ދައުވާ ވެސް ސާބިތުވެ، ޢާލިފް ވަޙީދުގެ މައްޗަށް ވަނީ ޖުމްލަ 26 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް