ދިވެހިރާއްޖެއިން ވިއެޓްނާމަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް އެމްބަސަޑަރު، މަރިޔަމް މިދްފާ ނަޢީމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ ރައީސް ހިޒް އެކްސެލެންސީ ތޯ ލަމްއަށް އަރުވައިފިއެވެ.

އިއްޔެ މި ރަސްމިއްޔާތު އޮތީ ހަނޯއީގެ ޕްރެޒިޑެންޝަލް ޕެލަސްގައެވެ.އެއްވަގުތެއްގައި ބޭއްވުނު މި ގުޅިފައިވާ ރަސްމިއްޔާތުގައި، ރައީސް ތޯ ލަމް ވަނީ ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައިވާ ސަފީރުންނަށް މަރުޙަބާ ވިދާޅުވެ، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސަފީރު މަރިޔަމް މިދްފާ ނަޢީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ތޯ ލަމްއަށާއި، ވިއެޓްނާމްގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު