އިގްތިސާދީ ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
އިގްތިސާދީ ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި އެންމެ ފުރަތަމަ ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. އެއަށްފަހު، އެ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައި މި ބިލު އިގުތިސާދީ ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރިއެވެ. ކޮމިޓީގެ މަރުހަލާ ނިންމުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް އެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، އެ ޓެކްސް ކަނޑާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

މި ބިލުގައި ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ނުދައްކާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު މާއްދާތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ މަންފާއެއް ހޯދުމަށް ނުވަތަ މުއާމަލާތެއްގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކޮށްފައިވަނީ ޓެކުހުގެ މަންފާއެއް ހޯދަން ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރި މުއާމަލާތެއް ކަމަށް ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޖީއެސްޓީ ދެއްކުމުން އެއްކިބާވާން އެފަދަ އަމަލެއް ކޮށްފިނަމަ، އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ.

މީގެއިތުރުން، ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތައް ވެސް ބިލުގައި ވަނީ ތަފްސީލުކޮށްދީފައެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކުރުމާއި، ފައިސާ ދައްކަންޖެހޭ ތާރީޚު ލަސްކުރުން ފަދަ އަމަލުތައް ހިމެނެއެވެ.

މި ބިލުގައިވާ އަންދާޒާތަކަށް ބަލާއިރު، މި އިސްލާހު ތަންފީޒުވާން ފެށުމުން އިންބައުންޑް ޓުއަރިޒަމުން ކުރިން ލިބޭނެ ކަމަށް ލަފާކުރި ބޮޑު އާމްދަނީއެއް ދައުލަތަށް ގެއްލިގެންދާނެއެވެ. ކުރިން އަންދާޒާކޮށްފައި އޮތީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީގެ ގޮތުގައި 1،608.5 (އެއްހާސް ހަސަތޭކަ އަށެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ.

އެބިލުގެ އިތުރުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ، ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުން އުނިކުރާ އިންޓްރެސްޓްގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާ ކުރުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް-އެބިޓްޑާ ގެ 25 އިންސައްތައެވެ. މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ހުރި ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި ބަދަލު ތަންފީޒުވާން ފެށުމުން ދައުލަތަށް އާމްދަނީގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު