އެމެރިކާގެ ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް
އެމެރިކާގެ ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް
އަންނަ 2035 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އެންމެ ބޮޑު ދީނީ އާބާދީއަކަށް މުސްލިމުން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް އެ ގައުމުގެ ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

މިހާރު ފޮކްސް ނިއުސްގެ ކޮންޓްރިބިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ލީވިޓް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައިވެނިކޮށް، ގިނައިން ކުދިން ހޯދައި، އެ ކުދިންނަށް ފައްޅީގެ ތަރުބިއްޔަތު ދިނުމާއެކު އެމެރިކާ ދެކެ ލޯބިވާން ދަސްކޮށްދިނުމަށެވެ.

އޭނާ މިހެން ބުނެފައިވަނީ ޕިއު ރިސާޗް ސެންޓަރާއި ޕޮލެންޑްގެ ސެންޓަރ ފޯ އެޑްވާންސްޑް ސްޓަޑީޒް އޮފް ޕޮޕިއުލޭޝަން އެންޑް ރިލިޖަން ގުޅިގެން ކުރި ދިރާސާއަކާ ގުޅޭގޮތުން ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ހިއްސާކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ދިރާސާއިން ދައްކާ ގޮތުގައި 2035 ވަނަ އަހަރާ ހަމައަށްދާއިރު ދުނިޔޭގެ މުސްލިމް އާބާދީ 2.57 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި އޭރު ކްރިސްޓިއަނުންގެ އާބާދީ ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 2.52 ބިލިއަނުގައެވެ. މީގެ ކުރިން 2020 ވަނަ އަހަރު ދުނިޔޭގައި 2.27 ބިލިއަން ކްރިސްޓިއަނުން ތިބިއިރު، މުސްލިމުންގެ އާބާދީއަކީ 2.02 ބިލިއަނެވެ.

މި ދެ ދީނުގެ އާބާދީ ވެސް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ނަމަވެސް، މުސްލިމުންގެ އާބާދީ އިތުރުވާ ނިސްބަތް މާ ބޮޑަށް ވެސް ހަލުވި ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޕިއު ރިސާޗްގެ ސީނިއާ ޑިމޮގްރާފާ ކޮންރަޑް ހެކެޓް ވިދާޅުވި ގޮތުގައި އާބާދީއަށް އަންނަ މި ބަދަލުގެ އެންމެ މައިގަނޑު ސަބަބަކީ ދީން ބަދަލުކުރުމަށްވުރެ ބޮޑަށް، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ނިސްބަތެވެ.

އެގޮތުން 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނަކު އެވްރެޖްކޮށް 3.1 ކުދިން ހޯދާފައިވާއިރު، ކްރިސްޓިއަން އަންހެނުންގެ ނިސްބަތަކީ 2.5 އެވެ. އަދި އެހެނިހެން ދީންތަކުގެ އަންހެނުން ކުދިން ހޯދާ ނިސްބަތް ހުރީ 1.6 ގައެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމު ފުރުއްވި ލީވިޓް އެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ.

މެއި މަހު އޭނާގެ ދެވަނަ ދަރިފުޅު ލިބުމާ ގުޅިގެން ނެގި ވިހެއުމުގެ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުމެ، އާއިލީ ޒިންމާތަކާއި ވަޒީފާގެ ބުރަ މަސައްކަތްތައް އެއްވަރެއްގައި ހިފެހެއްޓުމަށް ދަތިވާ ކަމަށް ވިދާޅުވެ މަގާމު ދޫކޮށްލެއްވި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕަށް އަބަދުވެސް ތާއީދުކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު