އާޖެންޓީނާގެ ޤައުމީ ޓީމުގައި ލިއޮނަލް މެސީ ބޭނުންކުރަމުން އަންނަ ތާރީޚީ 10 ނަންބަރު ޖާޒީ، އެހެން ކުޅުންތެރިއަކަށް ދިނުމުގެ ބަދަލުގައި އެއްކޮށް ރިޓަޔާކުރަން ޖެހޭނެ ކަމަށް އިޓަލީގެ ކޯމޯގެ ކޯޗު ސެސްކް ފެބްރިގާސް ބުނެފިއެވެ.

ފެބްރިގާސް މިހެން ބުނެފައި މިވަނީ، އާޖެންޓީނާގެ 10 ނަންބަރު ޖާޒީ ދެން ލިބުން އެންމެ އެކަށީގެންވަނީ އުންމީދީ މިޑްފީލްޑަރު ނިކޯ ޕާޒްއަށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެ ޒުވާން މިޑްފީލްޑަރަށް ކޮންމެހެން ބޭނުންނުވާ ބޮޑު ޕްރެޝަރެއް ކުރިމަތިނުކުރުމަށް ފެބްރިގާސް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މެސީ ފުޓުބޯޅައިގައި ދައްކުވައިދީފައިވާ މަތިވެރި ޚިދުމަތާއި ހުނަރަކީ އެހެން އެއްވެސް ކުޅުންތެރިއަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކޯމޯ އަދި އާޖެންޓީނާގެ ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕާޒްއަކީ، އެ ޤައުމުގެ ފުޓުބޯޅައިގެ މުސްތަޤުބަލުގައި އެންމެ ވިދާލާނެ އެއް ތަރި ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެހެންނަމަވެސް، ފެބްރިގާސް ޤަބޫލުކުރާ ގޮތުގައި އެ ތާރީޚީ ޖާޒީ ޚާއްޞަވާންވާނީ ހަމައެކަނި މެސީއަށެވެ. ފެބްރިގާސް ބުނީ: "10 ނަންބަރަކީ ހަމައެކަނި މެސީގެ ޙައްޤެއް. އެހިސާބުން ނިމުނީ. އެ ޖާޒީ ޖެހޭނީ ރިޓަޔާކުރަން."



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް