އިންޑިޔާގައި ރޭޕް ކުރުމާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގެ ތެރެއިން.
އިންޑިޔާގައި ރޭޕް ކުރުމާއި ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގެ ތެރެއިން.
އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރް ސިޓީގައި 6 އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައި ފުއްޕާމޭ ވަގައްނަގައިފިކަމަށް އިންޑިޔާގެ ފުލުހުން ހާމަކޮށްފިއެވެ.

އިންޑިޔާގެ ފުލުހުން ހާމަކޮށްފައިވާގޮތުން 6 އަހަރުގެ ކުއްޖާ ގޭންގަކުން ރޭޕްކޮށް މަރާލުމަށްފަހު، ފުއްޕާމޭ ވަގަށްނަގާފައިވަނީ ދަރިން ނުލިބޭ ދެމަފިރިއަކަށް ދަރިން ހޯދުމަށް ސިހުރެއް ހެދުމަށެވެ. އަދި މިހާދިސާއާ ގުޅިގެން ހައްޔަރު ކުރެވުނު މީހުން މިކަމަށް އެއްބަސް ވެފައިވާކަމަށްވެސް އިންޑިޔާގެ ފުލުހުން ބުނެފައިވެއެވެ.

މިހާދިސާގައި ކުޑަ ކުއްޖާ ގޭންގު ރޭޕްކޮށް މަރާލިކަމުގެ ތުހުމަތުގައި 20 އަހަރުގެ އަންކުލް ނަމަކަށް ކިޔާ ފިރިހެނަކާއި 31 އަހަރުގެ ބީރާން ނަމަކަށް ކިޔާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިހާދިސާގެ ހަގީގަތް އެނގިހުރެ، މިހާދިސާ ހިނގާދިޔަގޮތް އޮޅުވާލާ ފޮރުވަން އުޅުކަމުގެ ތުހުމަތުގައި ދެމަފިރިއަކުވެސް ހައްޔަރުކޮށްފައިވެއެވެ. މިއީ ދަރިން ހޯދަން ސިހުރުހެދި ދެމަފިރިން ކަމުގައިވާ، ޕަރްޝުރަމް އަދި އޭނާގެ އަންހެނުންކަމަށް އިންޑިޔާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

1999 ވަނަ އަހަރު ކައިވެނި ކޮށްފައިވާ މިދެމަފިރިންނަށް ދަރިއަކު ނުލިބުމުގެ ސަބަބުން، ޕަރްޝުރަމް އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ އަކާއި ކޮއްކޮގެ ރައްޓެއްސަކުލައްވައި، ކުޑަކުއްޖަކު ކިޑްނެޕްކޮށް ފުއްޕާމޭ ނެގުމަށް އެދުނުކަމަށް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުން ހާމަވެފައި ވެއެވެ.

ކުޑަކުއްޖާ ވަގަށް ނަގައި، ޖަންގައްޔަކަށް ގެންގޮސް ރޭޕްކޮށް މަރާލައިފައިވަނީ، އަންކުލް އަދި ބީރާން މަސްތުގެ ހާލަތުގައި ތިބެގެންކަމަށް އިންޑިޔާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިކުޑަ ކުއްޖާގެ އާއިލާއިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެކުއްޖާ އަރައިގެން ހުރި ފައިވާނާ ލައިގެން ހުރި ހެދުން އެކަނިކަމަށްވެސް އާއިލާގެ ފަރާތުން ހާމަކޮށްފައިވެއެވެ. މަރާލާފައިވާ މިކުޑަ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ދުވަހު ޖަންގަލި ތެރެއިން ދަތުރުކުރި ބަޔަކަށެވެ.

މިހާދިސާ ތަހުގީގުކޮށް ކުށް ސާބިތުވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. މިގޮތުން ކޯޓުގެ މަރުހަލާ އަވަސްކޮށް އަދަބު ތަންފީޒުކުރުމުން އަވަސްކުރުމަށްވެސް އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން