ޕްރޮފެސަރ ހަސަން އުގައިލްގެ ފޭސް ރިކޮގްނިޝަން ޓެސްޓުން، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ސިއްރުކޮށްގެން އުޅުއްވާ ދަރިކަނބަލަކު ހުރިކަން ފަޅާއަރައިފިއެވެ.

ޕޫޓިންގ ސިއްރު ކޮށްގެން އުޅުއްވާ ދަރިއަކު ހުރިކަން ފަޅާއަރުވާލާފައިވަނީ ރަޝިޔާގެ ޕްރޮއެކްޓް ނަމަކަށް ކިޔާ މީޑިއާއަކުން ކުރިއަށްގެންދިޔަ ތަހުގީގަކުންނެވެ.

ޕްރޮއެކްޓުން ކުރިއަށްގެންދިޔަ ތަހުގީގުގައި ބުނާގޮތުން ކުރިން ސާފުކުރުމުގެ މަސައްކަތުގައި އުޅުނު އަންހެނަކަށް ލިބިފައިވާ އެ އަންހެން ކުއްޖާއަކީ ރަޝިޔާގެ ރައީސް ޕޫޓިންގެ ދަރިއަކަށްވުން ގާތެވެ. އެގޮތުން 17 އަހަރުގެ އެ އަންހެން ކުއްޖާގެ މޫނުގެ ފޮޓޯ ބޭނުންކޮށްގެން ހެދި ފޭސް ރިކޮގްނިޝަން ޓެސްޓުން އެކުއްޖާއާއި ޕޫޓިންގެ މޫނު 70 އިންސައްތަ ދިމާވާކަމަށް ޕްރޮފެސަރ އުގައިލާ ހަވާލާދީ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ހަސަން އުގައިލާ ހަވާލާދީ މީޑިއާއިން ބުނާގޮތުން، ފޭސް ރިކޮގްނިޝަން ޓެސްޓުން ދެއްކި ނަތީޖާއިން އެކުއްޖާއާއި ޕޫޓިންއާ ގުޅުމެއްވާކަމަށް ބެލެވިދާނެއެވެ.

ހަބަރުތައް ބުނާގޮތުން ޕޫޓިންގެ ދަރިއެއްކަމަށް ބުނާ 17 އަހަރުގެ އެ އަންހެން ކުއްޖާގެ މަންމައަކީ އުމުރުން 45 އަހަރުގެ ސްވެޓްލަނާ ކްރިވޮނޮޖިކްއެވެ. 90 ގެ އަހަރުތަކުގެ ކުރީކޮޅު މަސައްކަތު މީހަކަށް އުޅުނު މިއަންހެންމީހާގެ މިލްކިއްޔާތުގެ އަގު މިހާރު 100 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާއިރު، އޭނާއާއި އޭނާގެ އަންހެން ދަރިފުޅު މިހާރު އުޅެމުންދަނީ ރަޝިޔާގެ ސެއިންޓް ޕީޓަރސްބާގްގައި ޕޫޓިންގެ އެންމެ އަރިސް ބޭފުޅުން އުޅުއްވާ ސަރަހައްދުގައެވެ.

އޭނާގެ އަންހެން ދަރިފުޅު އެލިޒަވަޓޭ ކްރިވޮނޮޖިކް އުފަންވެފައިވަނީ 2003 ވަނަ އަހަރުގައެވެ. އޭރު ޕޫޓިން އުޅުއްވީ އޭނާގެ ކުރީގެ އަނބިކަނބަލުންނާއި ކައިވެނި ބައްލަވައިގެންނެވެ. އެކުއްޖާގެ ބައްޕައަކީ ކާކުކަން މިހާތަނަށް ވެސް އެނގިފައި ނުވާއިރު، ޕޫޓިންއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ހުރި އަންހެންކުއްޖާގެ ފޮޓޯތައް ވެސް މިހާރު ވަނީ ނަގާފައެވެ. އަދި ކުއްޖާއަކީ 17 އަހަރުގެ ކުއްޖަކަށް ވުމުން އެއްވެސް ނޫހަކުން އެކުއްޖާގެ ފޮޓޯއެއް ޝާއިޢުކޮށްފައެއްވެސް ނުވެއެވެ.

ޕޫޓިންގެ ސިއްރު ލޯބިވެރިޔާކަމަށް ބުނާ މިއަންހެން މީހާއަކީ މިހާރު ވަރަށް މުއްސަނދި އަންހެނެކެވެ. ރަޝިޔާގެ ބޭންކެއްގެ ހިއްސާދާރަކަށް އޭނާ މިހާރު ވެފައިވާއިރު، އެ ހިއްސާތަކުގެ އަގު 800 މިލިއަން ރަޝިޔާ ރުބެލްއަށް އަރާނެކަމަށް މީޑިއާތަކުން ބުނެއެވެ. މީގެއިތުރުން ރަޝިޔާގެ އެކިއެކި ސަރަހައްދުތަކުގައި އޭނާގެ އެސެޓްތައް ވެސް އެބަހުއްޓެވެ.

ބައެއް ހަބަރުތައް ބުނާގޮތުން ޕޫޓިން ވެރިކަމަށް އައުމުގެ ކުރިން ފެށިފައިވާ މިގުޅުން ދެހާހުގެ ފަހުކޮޅު ވަނީ ނިމިފައެވެ.

ޕޫޓިންއާއި މިއަންހެން މިހާއާ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ގުޅިގެން ޕޫޓިންގެ ތަރުޖަމާނު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި މީގެކުރިން މިފަދަ ވާހަކައެއް އަޑުއިވިފައި ނުވާކަމަށް ވެސް ޕޫޓިންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޕޫޓިން މީގެ ކުރިން ކައިވެނި ބައްލަވައިގެންނެވި ނަމަވެސް އޭނާގެ ދަރިންނާ ގުޅޭ މައުލޫމާތު ދުވަހަކު ވެސް ކަށަވަރެއް ނުވެއެވެ. އެގޮތުން ފުރަތަަމަ ކައިވެންޏަށް 2 އަންހެން ކުދިން ލިބިވަޑައިގެންފައިވާއިރު، އެކަންވެސް ޕޫޓިން ކަށަވަރު ކޮށެއް ނުދެއްވައެވެ. އަދި ޖިމްނާސްޓިކް ގައި ހަރަކާތްތެރިވި އަންހެނަކަށް ވެސް ޕޫޓިންގެ 4 ދަރިން ތިބޭކަމަށް ބުނާއިރު، އެކަންވެސް އޭނާ ކަށަވަރުކޮށެއް ނުދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު