މާޝާ މިދުހަތު   6 ޑިސެމްބަރު 2020 - 0:18
ރަޝިޔާގައި ވެކްސިން ދިނުން ކުރިއަށްދަނީ.
ރަޝިޔާގައި ވެކްސިން ދިނުން ކުރިއަށްދަނީ.
ކޮވިޑުން ރައްކާތެރިވުމަށްޓަކައި ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ސްޕަޓްނިކް ވީ، ރަޝިޔާގައި މިއަދު ދޭންފަށައިފިއެވެ.

މިގޮތުން ރަޝިޔާގެ 70 ކްލިނިކެއްގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިވެކްސިން ދިނުމުގައި އިސްކަން ދެވޭނީ ބަލީގެ ނުރައްކަލަށް ހުށައެޅިފައިވާ މީހުންނަށެވެ. މިގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، އެހެން މެޑިކަލް ވޯކަރުންގެ އިތުރުން ޓީޗަރުންނާއި ސޯޝަލް ވޯކަރުންނަށް ވެކްސިން ދިނުމުގައި އިސްކަން ދޭނެއެވެ.

ސްޕަޓްނިކް ވީ ވެކްސިން ދެވޭނީ ދެ ޑޯޒަކަށެވެ. ދެވަނަ ޑޯޒު ދޭނީ ފުރަތަމަ ޑޯޒު ދޭތާ 21 ދުވަސް ފަހުންނެވެ.

ރަޝިޔާގައި އެންމެންނަށް ވެކްސިން ދިނުމަށް ނިންމައިފައިވަނީ ރަޝިޔާގައި ކޮވިޑް ޖެހޭ މީހުން އިތުރުވުމުންނެވެ. މިގޮތުން ރަޝިޔާގައި މިހާތަނަށް 2،431،731 މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި 42،684 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

ރަޝިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭންފަށާފައިވާއިރު، ވެކްސިން ޖެހުމަށް ކޮންމެ މީހަކަށް އެއްގަޑިއިރު ހޭދަވާ ކަމަށްވެއެވެ. މިއެއްގަޑިއިރު ތެރޭގައި ފުރަތަމަ 10 މިނެޓު ވެކްސިން ދެވޭ މީހާގެ ސިއްޙީ ހާލަތު ބެލޭނެއެވެ. އެއައްފަހު ވެކްސިން ޖެހުމަށް ތައްޔާރުވުމަށް 15 މިނެޓު ހޭދަވާނެއެވެ. އަދި ވެކްސިން ޖެހުމަށްފަހު ބައި ގަޑިއިރު އޮބްޒަރވޭޝަން ގައި ބާއްވާކަމަށްވެއެވެ.

މިވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކުރާ ކޮންމެ މީހަކުވެސް، ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށް ތިން ހަަަފްތާ ފަހުން ދާންޖެހޭކަމަށްވެއެވެ.

ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށްފަހު 42 ދުވަސް ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ފުރިހަމައަށް ތައްޔާރުވެފައިވާނޭ ކަމަށް ރަޝިޔާގެ ސައިންސްވެރިން ހާމަކުރެއެވެ.

މީގެ އިތުރުން ރަޝިޔާގައި ވެކްސިން ދެވޭނީ އުމުރުން 60 އަހަރުގެ މީހުންނާ ހަމައަށެވެ. މިގޮތުން 60 އަހަރުން މަތީގެ މީހުންނަށް މިވަގުތު ވެކްސިން ނުދިނުމަށް ރަޝިޔާގެ ސިއްހީ އަދާރާތަކުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، މިވަގުތު ވެކްސިން ނުދޭނެ މީހުންގެ ތެރޭގައި ވަކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުން ދާ މީހުންނާއި މާބަނޑު މީހުން ހިމެނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ސްޕަޓްނިކް ވީ ގެ ދިރާސާ ތަހުލީލު ތަކުންް ދައްކާގޮތުގައި މިވެކްސިނަކީ 95 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން