އިންޑިޔާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ.
އިންޑިޔާގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ.
ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން އެމަރޖެންސީ ހާލަތުގައި އިންޑިޔާގައި ބޭނުން ކުރުމުގެ ހުއްދައަށް އެދެފިއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އިންޑިޔާއަކީ އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ގައުމެވެ. ފައިޒަރ ކުންފުނިން އުފައްދާފައިވާ ވެކްސިން އިންޑިޔާގައި އެމަރޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދައަށް މިހާރު ވަނީ އެދިފައެވެ.

މިވެކްސިން އިންޑިޔާގައި ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވާއިރު، އިނގިރޭސިވިލާތުގައި މިވެކްސިން ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ ހުއްދަދީފައެވެ. އަދި މިއީ މިވެކްސިން ބޭނުންކުރުމަށް ފުރަތަމަ ހުއްދަ ދެވުނު ގައުމުވެސްމެއެވެ.

މިވެކްސިން އިންޑިޔާގައި ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވަނީ، އިންޑިޔާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލް އިންޑިޔާ (ޑީސީޖީއައި)ގައެވެ. އަދި މިކަމާބެހޭގޮތުން ޑީސީޖީއައި އަދި އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން ބަހެއް ލިބިފައި ނުވާކަމަށް ރޮއިޓަރސް އަދި ސީއެންއެން އިން ހާމަކޮށްފައިވެއެވެ. ނަމަވެސް އިންޑިޔާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާގޮތުން އިންޑިޔާގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަކަށް އެއްވެސް ފަރާތަކުން އަދި އެދިފައެއްނުވެއެވެ.

ނަމަވެސް އިންޑިޔާގައި ކުރިއަށް ގެންދެވޭ ވެކްސިންގެ ތަހުލީލުތަކުގައި ބޭނުންކުރާ ވެކްސިން، އިންޑިޔާގައި ބޭނުންކުރުމަށް ހޯދުމަށް މަސައްކަތްކުރާކަމަށް އިންޑިޔާ ސަރުކާރުގެ އޮފިޝަލާ ހަވާލާދީ ރޮއިޓަރސް އިން ހާމަކޮށްފައިވެއެވެ.

ފައިޒަރގެ ވެކްސިން އަކީ މައިނަސް 70 ޑިގްރީގެ ފިނިމިހޫނުގައި ރައްކާކުރަން ޖެހޭ ވެކްސިނެކެވެ. މި ވެކްސިން މިފިނިމިނުގައި އިންޑިޔާގެ ކޯލްޑް ސްޓޯރޭޖްތަކުގައި ރައްކާނުކުރެވޭނެ ކަމަށްވެސް އިންޑިޔާގެ ސިއްހީ މާހިރުން ވަނީ ހާމަކޮށްފައެވެ.

މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމަށް އިންޑިޔާ ވެފައިވާއިރު އިންޑިޔާގައި މިހާތަނަށް 9.57 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި މިލިސްޓުގެ އެންމެ ކުރީގައި އުޅޭ އެމެރިކާގައި، 14.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން