ގްލޯބަލް ޓީޗަރ ޕްރައިޒް އެވަރޑު ދިނުމުގެ ހަފްލާގައި ރަންޖިތު ސިންގ އަދި އޭނާގެ މައިންބަފައިން ބައިވެރިވަނީ.
ގްލޯބަލް ޓީޗަރ ޕްރައިޒް އެވަރޑު ދިނުމުގެ ހަފްލާގައި ރަންޖިތު ސިންގ އަދި އޭނާގެ މައިންބަފައިން ބައިވެރިވަނީ.
މިއަހަރުގެ މުޅި ދުނިޔޭގެ އެންމެ މަގުބޫލު ޓީޗަރަށް ދެވޭ ފައިސާގެ އިނާމު ނުވަތަ ގްލޯބަލް ޓީޗަރ ޕްރައިޒް އެވޯޑަށް ހޮވުނު އިންޑިޔާގެ ޓީޗަރަށް ލިބުނު އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ބަހަން ނިންމައި ނަމޫނާ ދައްކައިފިއެވެ.

އިންޑިޔާގެ މަހާރަޝްތުރާ ސްޓޭޓްގެ ކުޑަ އަވަށަކަށް ނިސްބަތްވާ ޕްރައިމަރީ ސްކޫލެއްގެ ޓީޗަރެއް ކަމަށްްވާ، ރަންޖިތު ސިންގ، އޭނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ބަހަން ނިންމާފައިވަނީ އޭނާ އާއެކު އެންމެ ކުރީގައި މި އެވޯޑަށް ވާދަ ކުރި 10 ޓީޗަރުންނަށެވެ. މިގޮތުން އޭނާގެ އިތުރުން ގަދަ ދިހައެއްގައި ހިމެނުނު 9 ޓީޗަރުންނަށް ކޮންމެ މީހަކަށް 55،000 ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށް ރަންޖިތު ހާމަކޮށްފައިވެއެވެ.

އަދި މިއީ މިއެވޯޑުގެ ތާރީހުގައިވެސް މިފަދަކަމެއް މީހަކު ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

"އަހަރެން ގަބޫލު ކުރާގޮތުގައި އަހަނަށް ލިބުނު ފައިސާގެ އިނާމު ބަހައިގެންނެއް އަހަރެންނަކަށް ދެރައެއް ނުލިބޭނެ، އޭގެ ބަދަލުގައި 9 ޓީޗަރުންނަށް މިދާއިރާއިން އިތުރު ކަންތައްތަކަކަށް މަގުފަހިވެގެންދާނެ. އަދި ލިބޭ ފައިސާއިން ކުރިއެރުމަށް ވާސިލްވާން އިތުރު ފުރުސަތެއް ލިބޭނެ. ޓީޗަރުންނަށް އިތުރުވާ މިފަދަ ފުރުސަތުތަކުން އެތައް ދަރިވަރެއްގެ ދިރިއުޅުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ." ރަންޖިތު ސިންގ ބުނެފައިވެއެވެ.

ރަންޖިތު ސިންގގެ އިތުރުން ގަދަ ދިހައެއްގައި ހިމެނުނު 9 ޓީޗަރުން ނިސްބަތްވަނީ، އެމެރިކާ، އިނގިރޭސިވިލާތު، ވިއެޓްނާމް، ނައިޖީރިޔާ، ސައުތު އެފްރިކާ، އިޓަލީ، ސައުތުކޮރެއާ، މެލޭޝިޔާ އަދި ބްރެޒިލް އަށެވެ.

ރަންޖިތު ސިންގ މިއަހަރުގެ ގްލޯބަލް ޓީޗަރ ޕްރައިޒް އެވޯޑަށް ހޮވިފައިވާއިރު، މިއެވަރޑަށް 140 ގައުމަކުން 12،000 މީހުން ކުރިމަތިލާފައިވެއެވެ. އަދި މި އެވޯޑާއެކު ކުޑަ އަވަށެއްގައި އަންހެން ކުދިންނަށް ތައުލީމު އުނގަންނައި ދިނުމަށް ރަންޖިތު ސިންގ ކުރަމުންދާ މަސައްކަތް ވަނީ ފާހަގަވެގެންގޮއްސައެވެ.

ގްލޯބަލް ޓީޗަރ ޕްރައިޒް އެވަރޑަކީ އަހަރު އެއްފަހަރު، ކިޔަވައި ދިނުމުގެ ދާއިރާއިން ޓީޗަރުން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ފައިސާގެ އިނާމެކެވެ. މި އިނާމަކީ އިނގިރޭސިވިލާތުގެ ވަރކީ ފައުންޑޭޝަން އަދި ޔުނެސްކޯ ގުޅިގެން ދެވޭ އިނާމެކެވެ. މިއަހަރުގެ މި އެވަރޑް ހަފްލާ ބާއްވައިފައިވަނީ އޮންލައިންކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން