އެރިކާގެ ދަރިފުޅު ޑިޔޭގޯ
އެރިކާގެ ދަރިފުޅު ޑިޔޭގޯ
އެމެރިކާގައި ކޮވިޑް ޖެހިފައިވާ މާބަނޑު އަންހެނަކު ވިހެއުމަށްފަހު މަރުވެއްޖެއެވެ.

33 އަހަރުގެ އެރިކާ ނަމަކަށް ކިޔުނު މި އަންހެން މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ނޮވެމްބަރުމަހުއެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނުއިރު އެރިކާގެ ބަނޑަށްވީ އަށްމަހެވެ. އެރިކާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުމާއެކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހުވެސް އެރިކާގެ ހާލަތު އިތުރަށް ގޯސް ވަމުން ދިއުމާއެކީ ނޮވެމްބަރު މަހު 15 އިން ފެށިގެން އެރިކާ ވިއްސުމަށް ޑޮކްޓަރުން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެރިކާ ވިހާފައިވަނީ އޭގެ ދެތިން ހަފްތާފަހުންނެވެ.

އެރިކާ ވިހަންވެެއްދި އިރު، އޭނާގެ ހާލަތު ވަނީ ވަރަށް ގޯސްވެފައިކަމަށް އެރިކާގެ އާއިލާއިން ބުނެފައިވެއެވެ.

"އެރިކާ އާއި ވާހަކަ ދެއްކި އިރު ބުނަމުން ދިޔައީ ހާލު ވަރަށް ގޯސްކަމަށް އަދި ނޭވާލާންވެސް އުނދަގޫވާކަމަށްް." އެރިކާގެ އާއިލާއިން ބުނެފައިވެއެވެ.

އެރިކާ ވިހެއީ ސިއްހަތު ރަނގަޅު ފިރިހެން ކުއްޖެކެވެ. ނަމަވެސް އެރިކާ ވިހެއިތާ މާގިނައިރުތަކެއް ނުވެ ވެންޓިލޭޓަރަށް ގުޅާފައިވެއެވެ. އަދި އެރިކާ މަރުވީ، އޭނާ ވިހެއި ދަރިފުޅު އުރާލަންވެސް ނުލިބިއެވެ.

އެރިކާ މަރުވުމަށްފަހު، އެރިކާގެ ދަރިފުޅު ބަލަހައްޓަނީ އެރިކާގެ ފިރިމީހާއެވެ. ޑިޔޭގޯ ނަމަކަށް ކިޔުނު މިތުއްތު ކުއްޖާ ގެއަށް ގެންދެވުނީ އެރިކާގެ ފިރިމީހާ އަދި އެދެމަފިރިންގެ އެއްއަހަރުގެ އަންހެން ދަރިފުޅު ކޮވިޑް ޓެސްޓެއް ހަދައި ނަތީޖާ ނެގަޓިވްވުމުންނެވެ.

މިހާދިސާއަށްފަހު، ކޮވިޑާހެދި އާއިލާއަށް ކުރިމަތިވި ކުއްލި މަރާއެކު އެރިކާގެ އާއިލާއިން ދަނީ ކޮވިޑުގެ ނުރައްކާތެރިކަން އަވައްޓެރިންނަށް އަންގައިދޭން މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން