ޑރ. މާރިއާ ވޭން ކާރޚޯވޭ
ޑރ. މާރިއާ ވޭން ކާރޚޯވޭ
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ޖެހުމަށްފަހު ބަލިން ރަނގަޅުވާ ފަރާތްތަކަށް، ބަލިން ފުރިހަމަ ރައްކާތެރިކަން ލިބި އަލުން ބަލި ނުޖެހޭނެ ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އިސް އެޕިޑަމޮލޮޖިސްޓެއް ކަމަށްވާ ޑރ. މާރިއާ ވޭން ކާރޚޯވޭ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން އެންޓިބޮޑީ ތަހުލީލުތައް ބާރުމިނުގައި ކުރިއަށް ގެންދިޔަ ނަމަވެސް އެއްފަހަރު ބަލިޖެހޭ ފަރާތަކަށް ދެވަނަ ފަހަރަށް ބަލި ނުޖެހޭނެކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

ރައްކާތެރިކަން ލިބޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، ބަލިން ރަނގަޅުވާ މީހުންގެ ލޭގެ ޕްލާސްމާގައި އެންޓިބޮޑީސް ހުންނަވަރު މިންކުރުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން 3.5 މިލިއަން ސިރޯލޮޖީ ޓެސްޓު ގަނެފައިވާކަމަށް އެގައުމުގެ ޓެލެގްރާފް ނޫހުންވަނީ ރިޕޯޓުކޮށްފައެވެ.

ޑރ. ވޭން ކާރޚޯވޭ ވިދާޅުވީ މި ޓެސްޓުތަކުން އެމީހެއްގެ ލޭގައި އެންޓިބޮޑީސް ހުރިކަން އެނގޭނެކަމަށާއި، ނަމަވެސް އެންޓިބޮޑީސް ހުރުމުގެ މާނައަކީ އެބަލިން ފުރިހަމަ ރައްކާތެރިކަން އެމީހަކަށް ލިބެނީ ނޫންކަމަށެވެ. މިފަދަ ގިނަ ތަހުލީލުތަކެއް ހެދެމުން ދިޔުމަކީ ރަނގަޅުކަމެއް ކަން ފާހަގަކުރައްވާ ޑރ. ވޭން ކާރޚޯވޭ ވިދާޅުވީ މި ޓެސްޓުތަކުގެ ޔަގީންކަން ކަށަވަރުކުރަން ޖެހޭކަމަށާއި، ތަހުލީލުކުރެވެނީ ތަހުލީލުކުރަން ބުނާ އެއްޗެހިކަން ޔަގީންކުރެވެންވެސް ޖެހޭ ކަމަށެވެ.

މުޅި ދުނިޔޭގައި 2.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ މިވައިރަހުން ރައްކާތެރިކަން ހޯދުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި އެތަކެއް ތަހުލީލަކާއި، ދިރާސާތަކެއް ކުރެވެމުންދާއިރު، ބައްޔަށް ވެކްސިނެއް ހޯދުމަށް ވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި ވައިރަހުން މިހާތަނަށް 154،371 މީހަކު މަރުވެފައިވާއިރު، ބައްޔަށް ވެކްސިނެއް ތައްޔާރުކުރެވޭނެ އެންމެ އަވަސް ތާރީހެއްކަމަށްވެސް ސައިންސްވެރިން ވިދާޅުވަނީ މިއަހަރުގެ ސެޕްޓެމްބަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން