ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ އަދި ބައޯޓެކް ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމަށް، ޔޫއެސް އެޑްވައިޒަރީ ޕެނެލް އިން ހުއްދަ ދީފިއެވެ.

ފައިޒަރގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދީފައިވަނީ އެމެރިކާގެ ސަރުކާރުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް ކަނޑައަޅާފައިވާ އެޑްވައިޒަރީ ޕެނަލުންނެވެ. މި ޕެނަލުން ފައިޒަރގެ ވެކްސިން ބޭނުން ކުރުމަށް ހުއްދަދިނުމަށް 21 ވޯޓުގެ ތެރެއިން، 17 ވޯޓު ލިބިފައިވެއެވެ.

އަދި މި ޕެނަލުން ވޯޓުލައި އެއްބަސްވެފައިވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ބޭނުން ކުރުމުން ރިސްކެއް ނެތްކަމަށެވެ. މިގޮތުން އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދިނުމާއި ބެހޭގޮތުން 8 ގަޑިއިރެއްހާއިރު މި ޕެނަލުން ބަހުސްކޮށްފައިވެއެވެ.

މިހުއްދައާއެކު ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފައިޒަރގެ ވެކްސިން ބޭނުން ކުރުމަށް އެފްޑީއޭގެ ހުއްދަވެސް ލިބޭނެކަމަށް ހާމަކޮށްފައިވެއެވެ. އެފްޑީއޭގެ ހުއްދަ ލިބުމާއެކު މިވެކްސިންގެ އެތައްމިލިއަން ޑޯޒެއް އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެއެވެ. މިގޮތުން އެފްޑީއޭގެ ހުއްދަ ލިބުމާއެކު 24 ގަޑިއިރުތެރޭގައި މިވެކްސިންގެ 6.4 މިލިއަން ޑޯޒުގެ ފުރަތަމަ ޝިޕްމަންޓް އެމެރިކާގެ ސަރުކާރާ ހަވާލު ކުރެވޭނެ ކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

އެމެރިކާއިން ފައިޒަރގެ ވެކްސިން ބޭނުންކުރުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިވެކްސިން ބޭނުންކުރުމުގެ ހުއްދަ، އިނގިރޭސިވިލާތުގެ ސަރުކާރުން އަދި ކެނެޑާގެ ސަރުކާރުން ވަނީ ދީފައެވެ. އަދި މިހަފްތާ ކުރީކޮޅު، އިނގިރޭސިވިލާތުގައި މިވެކްސިން ބޭނުންކުރުމަށް ވަނީ ފަށާފައެވެ. އަދި ކެނެޑާގައި ހޯމަދުވަހު މިވެކްސިން ދިނުމަށް ތައްޔާރުވަމުންދާކަމަށް ކެނެޑާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން