ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމު ލޮކްޑްއުންކޮށް ބޯޑަރުތައް ބަންދު ކުރުމަށްފަހު ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ގޮތުން ސްރީލަންކާގެ ބޯޑަރުތައް މިމަހު 26 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

ސްރީލަންކާގެ ބޯޑަރުތައް ހުޅުވަން ނިންމައި ސްރީލަންކާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ އިން އިއުލާން ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި އިއުލާނުގައި ވާގޮތުން ޑިސެމްބަރު 26 ވަނަ ދުވަހުން ފެށިގެން ސްރީލަންކާއަށް ކޮމަރޝަލް އަދި ޗާޓަރު ފްލައިޓްތައް ޖެއްސޭނެއެވެ. އަދި ސްރީލަންކާއަށް އޮޕަރޭޓް ކުރާ ފްލައިޓްތަކަށް ބޭނުންވާނޭ މައުލޫމާތުތައް ސްރީލަންކާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ލިބޭނެ ކަމަށްވެސް މި އިޢުލާނުގައިވެއެވެ.

ކޮވިޑާ ގުޅިގެން ސްރީލަންކާގެ ބޯޑަރުތައް ބަންދުކުރީ މި އަހަރު މާރޗް މަހުއެވެ. އެއަަށްފަހު މިއަހަރު އޮގަސްޓްމަހު ސްރީލަންކާގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ކަމުގައިވިޔަސް، ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑް ފެތުރުން އިތުރުވުމާއެކީ ބޯޑަރުތައް އަލުން ހުޅުވުން ވަނީ ފަސްކުރެވިފައިވެއެވެ.

އޮކްޓޯބަރު މަހު ސްރީލަންކާއަށް ކޮވިޑުގެ ދެވަނަ ރާޅެއް އަރައި ބަލިވާ މީހުންގެ އަދަދު ގިނަވެ ބޯޑަރުތައް އަލުން ހުޅުވައިލުން އިތުރަށް ފަސްކުރެވިފައިވެއެވެ. މިއާއެކު ޑިސެމްބަރު މަހު ސްރީލަންކާގެ ބޯޑަރުތައް އަލުން ހުޅުވައިލަނީ އަށް މަސްދުވަހު ބަންދުކޮށްފައި އޮތުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން