ދެ އަހަރުގެ ކުޑަކުއްޖަކު މާސްކް ނޭޅުމުން މުޅި އާއިލާ ފްލައިޓުން ބާލުވައި، އުމުރު ދުވަހަށް އެއާލައިނުން ދަތުރު ނުކުރެވޭ ގޮތަށް ޔުނައިޓެޑް އެއަރލައިންސް އިން ނިންމައިފިއެވެ.

އެލިޒް އޯބަން، އޭނާގެ ފިރިމީހާ އަދި ދެއަހަރުގެ އަންހެން ދަރިފުޅު، އެމެރިކާގެ ޑެންވަރ ސިޓީއިން ނިއުޔޯކް ސިޓީއަށް ދަތުރުކުރުމަށް ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓަށް ބޯޑް ކުރުމަށްފަހު ފްލައިޓުން ބާލުވައިފައިވަނީ އެލިޒް އޯބަންގެ ދެއަހަރުގެ އަންހެން ދަރިފުޅު މާސްކް ނާޅައި ހުރުމުންނެވެ.

ނަމަވެސް އެލިޒް އޯބަންގެ ދެމަފިރިން ތިބީ މާސްކް އަޅައިގެންކަމަށްވެސް އެލިޒް ވަނީ ބުނެފައެވެ. އަދި ދެމަފިރިންގެ ދެއަހަރުގެ އަންހެން ދަރިފުޅު މާސްކް އެޅުވުމަށް މަސައްކަތް ކުރުމުން ދަރިފުޅު ދެކޮޅުހަދާފައިވާ ކަމަށްވެސް އެލިޒް ވަނީ ބުނެފައެވެ.

އެލިޒް އޯބަންގެ ދެމަފިރިން ހާމަކޮށްފައިވާގޮތުން ފްލައިޓަށް ބޯޑު ކުރިތާ މާގިނައިރެެއްނުވެ ފްލައިޓުގެ ކެބިން ކްރޫއަކު އައިސް އެމީހުން ފޭބުމަށް އެންގިއެވެ. އަދި ދަރިފުޅު މާސްކް އެޅުމަށް ދެކޮޅު ހަދާ ވާހަކަ އާއި ދަރިފުޅުގެ އަނގަޔާއި ނޭފަތް ފޮރުވޭނެ އިތުރު ގޮތެއް ހޯދާ ވާހަކަ ބުނުމުންވެސް އެލިޒް އޯބަންގެ ދެމަފިރިންނާއި ދެއަހަރުގެ ދަރިފުޅު ފްލައިޓުން ބާލުވާފައިވާކަމަށް އެލިޒް އޯބަންގެ ދެމަފިރިން ހާމަކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން ޔުނައިޓެޑް އެއަރލައިންސް އިން ހާމަކޮށްފައިވަނީ އެއަރލައިންސްއިން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ދަތުރު ކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށް ކަމަށެވެ. މިގޮތުން ހެދިފައިވާ ގަވާއިދުތަކުގެ ތެރޭގައި 2 އަހަރުން މަތީގެ ހުރިހާ ފަސިންޖަރުން މާސްކް އެޅުމަކީ މަޖުބޫރުކަމެއް ކަމަށްވެސް ޔުނައިޓެޑް އެއަރލައިންސް އިން ހާމަކޮށްފައިވެއެވެ. އަދި އެލިޒް އޯބަންގެ ދެމަފިރިންނާއި ދަރިފުޅު ފްލައިޓުން ބޭލުވުމުގެ ހާދިސާ އިތުރަށް ތަހުގީގު ކުރާނެކަމަށްވެސް ޔުނައިޓެޑް އެއަރލައިންސް އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން