މެލޭޝިޔާގެ އަންގި އުފައްދާ ކުންފުނި، ޓޮޕް ގްލޯވްގެ ފެކްޓަރީއެއް.
މެލޭޝިޔާގެ އަންގި އުފައްދާ ކުންފުނި، ޓޮޕް ގްލޯވްގެ ފެކްޓަރީއެއް.
މެލޭޝިޔާގެ އެންމެ ބޮޑު އަންގި އުފައްދާ ކުންފުނި، ޓޮޕް ގްލޯވްގެ ފެކްޓަރީއެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް ޖެހިގެން މަރުވެއްޖެކަމަށް ހާމަކޮށްފިއެވެ. މެލޭޝިޔާގެ އަންގި އުފައްދާ ކުންފުނި ޓޮޕް ގްލޯވްއިން މިކަން ޔަގީންކޮށްދީފައިވަނީ ރޮއިޓާސްއަށް ފޮނުވާފައިވާ އީމެއިލް އަކުންނެވެ.

މިއީމެއިލްގައި ވާގޮތުން އަންގި އުފައްދާ ކުންފުނީގެ ފެކްޓަރީއެއްގައި މަސައްކަތްކުރާ 29 އަހަރުގެ ނޭޕާލްގެ ރައްޔިތަކު ވަނީ މަރުވެފައެވެ. އަދި އޭނާ މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާ މަރުވިއިރު، ކޮވިޑް ޖެހި ފުއްޕާމޭ ވަރަށްބޮޑަށް ހަލާކުވެފައިވާކަމަށްވެއެވެ.

މެލޭޝިޔާގެ އެންމެ ބޮޑު އަންގި އުފައްދާ ކުންފުނި، ޓޮޕް ގްލޯވްއަކީ މުޅި ދުނިޔެއަށްވެސް އެންމެ ގިނައިން އަންގި ފޯރުކޮށްދޭ އެެއްކުންފުންޏެވެ. މި ކުންފުނީގެ ފެކްޓަރީއަކުން އެންމެ ފުރަތަމަ ފަހަރަށް މުވައްޒަފަކު ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓު ކުރެވިފައިވަނީ ނޮވެމްބަރުމަހު ދެވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ކޮވިޑް ކޭސް ރިޕޯޓު ކުރެވުނީ، މި ފެކްޓަރީގެ ބައެއް މުވައްޒަފުން އަނބުރާ ގެއަށް ދިއުމަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ކޮވިޑް ޓެސްޓު ހެދުމުންނެވެ. މިއާއެކު ކުންފުނީގެ ފެކްޓަރީތަކުގެ ގިނަ ބަޔަކު ޓެސްޓުކުރެވި 5000 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި މިއީ މެލޭޝިޔާގައި ރިޕޯޓުކުރެވުނު އެންމެ ބޮޑު ކްލަސްޓަރވެސްމެއެވެ.

މިއާއެކު މެލޭޝިޔާގެ ޓޮޕް ގްލޯވްގެ 16 ފެކްޓްރީއެއް ބަންދުކުރެވިފައިވެއެވެ.

މެލޭޝިޔާގެ ޓޮޕް ގްލޯވްގެ ފެކްޓްރީތަކުން ކޮވިޑު ޖެހިފައިވާ މީހުންގެ 94 އިންސައްތަ ރަނގަޅުވެ މަސައްކަތްފަށާފައިވާކަމަށް ކުންފުނިން މިދިޔަހަފްތާގައި ވަނީ ހާމަކޮށްފައެވެ. މިގޮތުން ކުންފުނީގެ މުވައްޒަފުންނާއި މުޖްތަމައު ކޮވިޑް އިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނޭކަމަށްވެސް މެލޭޝިޔާގެ ޓޮޕް ގްލޯވް އިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ބުނާގޮތުގައި ގައިދުރުކަން ބަހައްޓައިގެން މަސައްކަތް ނުކުރެވޭކަމަށާއި، މުވައްޒަފުން ދިރިއުޅުމަށް ހާއްސަކުރެވިފައިވާ ތަންތަންވެސް ތޮއްޖެހިފައި އޮންނަކަމަށްވެއެވެ. މިގޮތުން އެއްކޮޓަރިއެއްގައި 20 މީހުން އުޅެންޖެހޭކަމަށްވެސް މެލޭޝިޔާގެ ޓޮޕް ގްލޯވް ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން