އެމެރިކާގެ ވައިޓްހައުސްގެ ސިއްހީ އެޑްވަައިޒަރ، ޑރ. އެންތޮނީ ފައުޗީ
އެމެރިކާގެ ވައިޓްހައުސްގެ ސިއްހީ އެޑްވަައިޒަރ، ޑރ. އެންތޮނީ ފައުޗީ
ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން އަންނަ އަހަރުގެ މާޗްމަހު އާންމުކޮށް ގަންނަން ލިބޭނެކަމަށް ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ އަދި އެމެރިކާގެ ވައިޓްހައުސްގެ ސިއްހީ އެޑްވަައިޒަރ، ޑރ. އެންތޮނީ ފައުޗީ މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރު މާޗް މަހު ފަހުކޮޅަށް ވެކްސިން ދިނުމަށް އިސްކަންދޭ ލިސްްޓުގައި ތިބި މީހުންނަށް ވެކްސިން ދީ ނިންމައިލެވޭނެ ކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވެއެވެ.

"ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ޕްރިއޯރިޓީ ލިސްްޓުގައި ތިބި މީހުންނަށް ވެކްސިން ދީ ނިންމައިލުމުން ވެކްސިން އާންމުކޮށް ލިބެން ހުންނާނެ. މި ޕްރިއޯރިޓީ ލިސްްޓުގައި ތިބި މީހުންނަށް ވެކްސިން ދީ ނިންމައިލެވޭނެކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު މާޗް ފަހުކޮޅު ނޫނީ އޭޕްރިލް މަހު ކުރީކޮޅު. އަދި މިހާރު ގިނަ ވެކްސިންތަކެއްގެ ތަހުލީލުތައް ފައިނަލް ސްޓޭޖްގައިވެސް ވޭ، އެހެންވީމަ ވެކްސިން މަދެއް ނުވާނެ." ޑރ. އެންތޮނީ ފައުޗީ ވިދާޅުވެފައިވެއެވެ.

ފައުޗީ ވިދާޅުވީ އެމެރިކާއިން އިންވެސްޓްކުރާ 6 ވެކްސިނެއްގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މިތަނުން ފަސް ވެކްސިނެއްގެ ތަހުލީލުތައް އެންމެ ފަހުގެ މަރުހަލާގައި ވާކަމަށް ޑރ. ފައުޗީ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެހެން ގައުމުތަކުން ވެކްސިން އުފެއްދުމަށް ކުރާ އިންވެސްޓްމެންޓް ތަކަށް އެމެރިކާއިން އެއްބާރުލުން ދޭކަމަށާއި މިއީ އެއްވެސް ވަރަކަށް ވާދަވެރިކަން އޮވެގެން ކުރާ ކަމެއް ނޫންކަމަށް ޑރ. ފައުޗީ ފާހަގަ ކުރައްވާފައިވެއެވެ. އަދި މިގޮތައް ގިނަ އިންވެސްޓްމެންޓްތަކެއް ކުރެވޭނަމަ މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ފަސޭހަ ވާނެ ކަމަށްވެސް ޑރ. ފައުޗީ ފާހަގަ ކުރައްވާފައިވެއެވެ.

ޑރ. ފައުޗީ އެންބީސީ ޓުޑޭ ޝޯވ އަށް ދެއްވި އިންޓަރވިއު ނިންމާލަމުން، ވެކްސިން ލިބުނަސް ވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތައް ދޫކޮށްނުލުމަށް ގޮވާލައްވާފައިވެއެވެ. މިގޮތުން މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި އެއްވެނޫޅުމަށް އިލްތިމާސް ކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން