އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން، ކޮވިޑް އިން ރައްކާތެރި ވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖައްސަވައިފިއެވެ.

އެމެރިކާގައި މި ވެކްސިނާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް އިތުބާރު އިތުރުކުރުމުގެ ގޮތުން އެމެރިކާގެ ގިނަ ސިޔާސީ ވެރިންނާއި، އެމެރިކާ ސަރުކާރުގެ އިސްވެރިން ދަނީ ކޮވިޑް އިން ރައްކާތެރި ވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖަހަމުންނެވެ. އަދި އެބޭފުޅުން ވެކްސިން ޖައްސަވާ މަންޒަރުތައް ދަނީ ޓީވީ އިން އާންމު ކުރަމުންނެވެ.

ވެކްސިން ޖެއްސެވުމަށްފަހު ނޫސްވެރިންނާ މުހާތަބު ކުރައްވަމުން ޖޯ ބައިޑެން ވިދާޅުވެފައިވަނީ ވެކްސިން ޖެއްސެވިތަން ލައިވް ކޮށް އާންމުންނާ ހިއްސާ ކުރެއްވީ ވެކްސިން ޖެހުމަށް ފުރުސަތުލިބުމުން ކޮންމެ މީހަކުވެސް ވެކްސިން ޖެހުމަަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަން އަންގައިދިނުމަށެވެ. އަދި އެމެރިކާއަށް ވެކްސިން ފޯރުކޮށްދިނީތީވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖޯ ބައިޑެން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ޖޯ ބައިޑެން އަދި އަނބިކަނބަލުން ޖިލް ބައިޑެން ވެކްސިން ޖައްސަވާފައިވާއިރު އެމެރިކާގެ އިންތިޚާބީ ނާއިބް ރައީސާ ކަމަލާ ހެރިސް އަދި ފިރިކަލުން، އަންނަ ހަފްތާގައި ވެކްސިން ޖެއްސެވުމަށް ހަމަޖެހިފައިވެއެވެ.

ނަމަވެސް ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އެމެރިކާގެ ރައީސް ޓްރަމްޕް ވެކްސިން ޖައްސަވާނޭކަމުގެ ޔަގީންކަމެއް ރަސްމީކޮށް ދެއްވާފައެއްނުވެއެވެ. މިކަމާ ބެހޭގޮތުން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ހާމަކޮށްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށާއި ނަމަވެސް ޓްރަމްޕް އިސްކަން ދެެއްވާނީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ މީހުންނަށް ފުރަތަމަ ވެކްސިން ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މިކަމާ ބެހޭގޮތުން ޓްރަމްޕް މިދިޔަ ހަފްތާގައި ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޓްރަމްޕް ވެކްސިން ޖެއްސެވުމަށް ޝެޑިއުލް ކޮށްފައި ނުވާ ކަމަށާއި ވަގުތު އައިސް ޖެހުމުން ވެކްސިން ޖައްސަވާނޭ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން، އަދި އަނބިކަނބަލުން ޖިލް ބައިޑެން ވެކްސިން ޖައްސަވާފައިވާއިރު، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެންްސް ގެ އިތުރުން ހައުސްގެ ރައީސް ނޭންސީ ޕެލޯސީ ވެސް ވަނީ ކޮވިޑުން ރައްކާތެރި ވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖައްސަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން