ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް، އެމެރިކާގައި އެއް މިލިއަން މީހުންނަށް ޖެހިއްޖެކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލްް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

މިގޮތުން އެމެރިކާގައި ވެކްސިން ޖަހަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްމިލިއަން މީހުންނަށް ވެކްސިން ދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ބެލެވޭކަމަށް ސީޑީސީ އިން ހާމަކޮށްފައިވެއެވެ.

"އެމެެރިކާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދު ނުވެގެން އުޅޭ ދަނޑިވަޅެއްގައި މިލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. މި ކާމިޔާބީ އާއެކު، އިސްސަފުގައި މަސައްކަތް ކުރާމީހުން ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތަށްވެސް ލުއިތަކެއް ލިބިގެންދާނެ. މީގެ ތެރޭގައި، ކޮވިޑް ޖެހޭ ބަލިމީހުންނަށް ފަރުވާދޭން ތިބޭ މީހުންގެ އިތުރުން، މިބައްޔަށް ހައި ރިސްކު މީހުންގެ ގޮތުގައި ބެލެވޭ ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލުއިތަކެއް ލިބިގެންދާނެ." ސީޑީސީގެ ޑިރެކްޓަރ، ޑރ. ރޮބަރޓް ރެޑްފީލްޑް ބުނެފައިވެއެވެ.

އެމެރިކާ ސަރުކާރުގެ އެއްމަގްސަދަކީ ކުރިއަށް އޮތް ހަފްތާތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ކުންފުނީގެ ވެކްސިން އަދި މޮޑަރނަރ ކުންފުނީގެ ވެކްސިނުގެ ފުރަތަމަ ޑޯޒުގެ 20 މިލިއަން މުޅި އެމެރިކާއަށް ފޯރުކޮށްދިނުމެވެ. މިގޮތުން މިހާތަނަށް ވެކްސިންގެ 9.5 މިލިއަން ފުރަތަމަ ޑޯޒު މުޅި އެމެރިކާއަށް ފޯރުކޮށްދެވިފައިވެއެވެ. އަދި މީގެ ތެރެއިން ވެކްސިންގެ އެއް މިލިއަން ފުރަތަމަ ޑޯޒު ޖަހައިފިކަމަށް ސީޑީސީއިން ރިޕޯޓުކޮށްފައިވެއެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުމަށް ވާހަަކަ ދައްކަވަމުންދާ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރ އަދި އެމެރިކާގެ ވައިޓްހައުސްގެ ސިއްހީ އެޑްވަައިޒަރ، ޑރ. އެންތޮނީ ފައުޗީ ވިދާޅުވަނީ ވެކްސިން ޖަހައި، މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްވުމަށް މަސައްކަތް ކުރުމަށެވެ. އަދި ގިނަ ބަޔަކަށް އަންނަ އަހަރުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށް ވާއިރު، ވެކްސިން ލިބެންދެންވެސް މާސްކް އަޅައި، ގައިދުރުކަން ބެހެއްޓުމަށް ޑރ. އެންތޮނީ ފައުޗީގެ އިތުރުން އެހެން ސިއްޙީ މާހިރުންވެސް ދަނީ ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން