މިދިޔަ ދުވަސްތަކުގެތެރޭގައި އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ނުވަތަ އާވައްތަރު، ސިންގަޕޫރުން ފެނިއްޖެކަމަށް ސިންގަޕޫރުގެ އިދާރާތާކުން ހާމަކޮށްފިއެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާގޮތުން، ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ސިންގަޕޫރަށް އެތެރެވެފައިވަނީ އެގައުމަށް އެތެރެވި ފަތުރުވެރިންގެ ފަރާތުންނެވެ. މިގޮތުން ނޮވެމްބަރު 17 އިން ޑިސެމްބަރު މަހު 17 އަށް ސިންގަޕޫރަށް ދަތުރުކުރި ފަތުރުވެރިންގެ ތެރެއިން 31 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރެއިން އެކަކުގެ ފަރާތުން ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާކަމަށްވެއެވެ.

މިގޮތުން ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރަކުގެ ފަރާތުންނެވެ. 17 އަހަރުގެ މި އަންހެން ކުއްޖާއަކީ ސިންގަޕޫރުގެ ރައްޔިތެކެވެ. މިއަހެންކުއްޖާ އަކީ މިއަހަރު އޮގަސްޓްމަހުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ކުއްޖެކެވެ.

ކޮރޯނާ ވައިރަހުގެ މި އާ ވޭރިއަންޓް އަކީ އަވަހަށް ފެތުރޭ އެއްޗެއް ކަމުގައިވިޔަސް ސިންގަޕޫރުގައި އިތުރު މީހަކަށް ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓްގެ އަސަރުކޮށްފައި ނުވާކަމަށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ. މިގޮތުން ވައިރަހުގެ މި އާ ވޭރިއަންޓް އިތުރަށް ފެތުރުނަނުދިނުމަށް ސިންގަޕޫރަށް އެތެރެވި ކޮވިޑް ޖެހިފައިވާ ހުރިހާ ފަރާތްތަކެއް އެކަހެރިކޮށްފައިވާނެކަމަށް ސިންގަޕޫރުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން