ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނުގައި އޫރުގެ ބާވަތެެއް އެކުލެވުނަސް ވެެކްސިން ދިނުން މަނާ ނުކުރަން ޔޫއޭއީގެ ފަތުވާ މަޖިލީހުން ނިންމައިފިއެވެ.

ޔޫއޭއީގެ އިސްލާމިކް ފަތުވާ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އާންމުގޮތެއްގައި ވެކްސިން ތައްޔާރު ކުރެވޭއިރު ހިމެނޭ އޫރުގެ މާއްދާއެއް ކަމަށްވާ 'ޕޯކް ޖެލަޓިން' އަކީ ގިނަ ވެކްސިންތަކެއް އުފެއްދުމުގައި ހިމެނޭ މާއްދާއެއް ކަމަށް ވާތީ އެކަމަށް ރިޢާޔަތްކޮށެވެ. އަދި މިގޮތަށް ނިންމުމުގެ އެއް ސަބަބަކީ، އޫރުގެ މާއްދާއެއް ހިމެނޭ ކަމަށް ބުނެ ބައެއް މުސްލިމުންގެ ތެރޭގައި ވެކްސިން ބޭނުން ނުކުރުން އިތުރުވެދާނެ ކަމަށްޓަކައެވެ.

"އިސްލާމް ދީނުގައި އޫރު ހަރާން ވުމަކީ ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނަށް އޮތް ހުރަހަކަށް ވެގެން ނުވާނެ. މިއަދު މިވެކްސިން ބޭނުން ނުކޮށް އިތުރު ގޮތެއް ނެތް މި ވައިރަހުން ސަލާމަތް ވާކަަށް." ޔޫއޭއީގެ އިސްލާމިކް ފަތުވާ ކައުންސިލްގެ ޗެއަރމަން ޝައިޚް އަބްދުﷲ ބިން ބައްޔާޙް ވިދާޅުވެފައިވެއެވެ.

ޔޫއޭއީގެ އިސްލާމިކް ފަތުވާ ކައުންސިލުގެ ނިންމުމުގައި ވާގޮތުންނަމަ މިހާލަތުގައި 'ޕޯކް ޖެލަޓިން' ބޭނުންކުރެވެނީ ބޭހެއްގެ ގޮތުގައެވެ. އަދި އެތައްބައެއްގެ ފުރާނަ އަށް ނުރައްކާތެރިކަން ހުރި މިވައިރަހުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ވެކްސިން ބޭނުން ކުރުން ކަމަށް ފަތުވާ މަޖިލީހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން