އިނގިރޭސިވިލާތުން ފުރަތަމަ ފެނިގެންދިޔަ، ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ނުވަތަ އާވައްތަރު، ފްރާންސުންނާއި ލެބަނާނުން ފެނިއްޖެކަމަށް މިދެގައުމުގެ ސިއްޙީ އިދާރާތާކުން ހާމަކޮށްފިއެވެ.

ފްރާންސުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުން އެގައުމުން ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވަނީ މިމަހު 19 ވަނަ ދުވަހު އިނގިރޭސިވިލާތުން ފްރާންސައް ދަތުރު ކުރި ފަރާތަކުން ކަމަށްވެއެވެ. އަދި ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓްއަށް އޭނާ ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓަށްފަހުއެވެ. މިއާއެކު އޭނާ އެކަހެރިކޮށް، ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރެވެމުންދާކަމަށް ފްރާންސްގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

ލެބަނާނަށް ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް އެތެރެވެފައިވަނީ އިނގިރޭސިވިލާތުން އެގައުމަށް ދަތުރު ކުރި ފްލައިޓަކުންނެވެ. މިއާއެކު މި ފްލައިޓުން ދަތުރު ކުރި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިރުޝާދު ދެވިފައިވާނެކަމަށް ލެބަނާނުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ. ލެބަނާނަށް ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް އެތެރެވެފައިވަނީ މިމަހު 21 ވަނަ ދުވަހު އިނގިރޭސިވިލާތުން އެގައުމަށް ދަތުރުކުރި މިޑްލް އީސްޓް އެއަރލައިންގެ ފްލައިޓްކުންނެވެ.

ފްރާންސް އާއި ލެބަނާނުގެ އިތުރުން އިޓަލީ، ޖަޕާނު އަދި ސިންގަޕޫރުގައިވެސް ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވެއެވެ.

މިގޮތުން އިޓަލީގެ ރޯމްގައި އެކަކު ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓްއަށް ޕޮޒިޓިވްވެފައިވާއިރު، ސިންގަޕޫރުންވެސް މި އާވޭރިއަންޓް އަށް ޕޮޒިޓިވްވެފައިވަނީ އަދި އެންމެ މީހެކެވެ. ނަމަވެސް، ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓްއަށް ޖަޕާނުގައި ފަސް މީހުން ޕޮޒިޓިވްވެފައިވެއެވެ. ޖަޕާނުން މިއާ ވޭރިއަންޓް އަށް ޕޮޒިޓިވްވި ފަސް މީހުންނަކީވެސް އިނގިރޭސިވިލާތުން އެގައުމަށް ދަތުރުކުރި މީހުންނެވެ.

އިނގިރޭސިވިލާތުން ފުރަތަމަ ފެނިގެންދިޔަ، ކޮރޯނާ ވައިރަހުގެ އާ ވޭރިއަންޓްއާއެކު، 50 ގައުމަކުން ވަނީ އިނގިރޭސިވިލާތަށް ކުރެވޭ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވެއެވެ.

ކޮރޯނާ ވައިރަހުގެ މި އާ ވޭރިއަންޓު ފެތުރޭ މިންވަރު 70 އިންސައްތަ އިތުރު ކަމަށް ވެފައިވާކަމަށްވެއެވެ. ނަމަވެސް މީގެ ސަބަބުން ބަލިވާ މީހުންގެ ހާލަތު ގޯސްވުމާއި، ބަލީގެ އަލާމާތްތަކުގެ ގޮތުގައި ފެންނަ ކަންތައްތަކަށް ބަދަލެއް ނާންނަކަމަށް ސިއްޙީ މާހިރުން ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން