އީރާނުގެ ހޮސްޕިޓަލެއްގައި.
އީރާނުގެ ހޮސްޕިޓަލެއްގައި.
ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން އިމްޕޯޓުކުރުމަށް އެޅުނު ހުރަހާއެކު އީރާނުގައި ވެކްސިނެއް އުފައްދައިފިއެވެ.

އީރާން ސަރުކާރުގެ އިދާރާތަކުން ބުނެފައިވާގޮތުން އީރާނުގައި ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިނެއް އުފައްދަން ޖެހުނީ ވެކްސިން އިމްޕޯޓު ކުރުމަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީއެވެ. މިގޮތުން އެމެރިކާއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއެކު ކޮވިޑުން ރައްކާތެރިވުމަށް އެކި ގައުމުތަކުން އުފައްދާފައިވާ ވެކްސިން އީރާނަށް އިމްޕޯޓުކުރުމުގައި އެތަކެއް ހުރަހެއް ކުރިމަތިވާކަމަށް އީރާން ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ވެކްސިން އިމްޕޯޓުކުރުމަށް އެޅުނު ހުރަހާއެކު އީރާނުގައި ވެކްސިނެއް އުފައްދައި، ޖަނަވާރު މެދުވެރިކޮށް އެވެކްސިނުގެ ތަހުލީލުތައް ކޮށްނިންމައިފި ކަމަށް އީރާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއާއެކު މިވެކްސިން ވެގެން ދާނީ ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނެއްގެ ތަހުލީލުތަކުގައި ޖަނަވާރު ބޭނުން ކުރެވުނު ފުރަތަމަ ވެކްސިނަށެވެ.

ޖަނަވާރު ބޭނުންކޮށްގެން ކުރެވުނު ތަހުލީލުތައް ނިންމައި އިންސާނުން މެދުވެރިކޮށް ވެކްސިނުގެ ތަހުލީލުތައް ކުރުމަށް ތައްޔާރުވަމުން ދާކަމަަށް އީރާނުގެ ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން ފުރަތަމަ ފޭސްގައި 56 މީހުން ބައިވެެރިވާނެކަމަށްވެއެވެ. އަދި މި ތަހުލީލުތައް މަސް ދުވަހަށް ދެމިގެން ދާނެކަމަށް އީރާނުގެ ސިއްޙީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.

"އީރާނުގައި މީގެ ކުރިންވެސް ކާމިޔާބުކަމާ އެކީ ވެކްސިން ހަދާފައިވާނެ. އަހަރުމެން ސާބިތުކޮށްދޭނަން އީރާނުގައި ތައްޔާރުކުރެވޭ ވެކްސިން އެހެން ވެކްސިން ތަކާއި އަޅާކިޔޭނެކަން." ވެކްސިނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އީރާނުގެ ހެލްތު މިނިސްޓަރު ސައީދް ނަމަކީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިވެކްސިނަށް އީރާނުގެ އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް މިނިސްޓަރު ސައީދް ނަމަކީ ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އިންސާނުން ބޭނުންކޮށްގެން ވެކްސިންގެ ތަހުލީލުތައް ކުރުމަށް ހުޅުވާލުމާއެކު މިތަހުލީލުތަކުގައި ބައިވެެރިވުމަށް 60،000 މީހުން ނަންނޯޓުކޮށްފައިވާ ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން