ޕްލާސްޓިކުން ތިމާވެށި ތަޣައްޔަރުކުރާ ކުންފުނި ތަކުގެ ލިސްޓުގެ އެންމެ ކުރީގައި ކޮކާކޯލާ ކުންފުނި، ޖެހިޖެހިގެން ތިންވަނަ އަހަރު ހިމެނިއްޖެއެވެ.

މިއީ އަހަރަކު އެއްފަހަރު، ގޮނޑުދޮއް ތަކަށާއި ވެށީގެ އެކި ސަރަހައްދުތަކަށް އުކާލެވިފައިވާ ކުނި ހޮވައިގެން ކުރާ ސަރވޭއަކުން ލިބިފައިވާ ނަތީޖާއެކެވެ. މިގޮތުން މިއަހަރު 15،000 ވޮލަންޓިއަރުން ވަނީ 350،000 ޕްލާސްޓިކް ކުނީގެ ބާވަތްތައް ހޮވައި މި ސަރވޭގައި ބޭނުންކޮށްފައެެވެ. މީގެ ތެރެއިން 63 އިންސަައްތަ ޕްލާސްޓިކް ނިސްބަތްވާ ކުންފުނި އެނގިފައިނުވާކަމަށް ވެއެވެ.

މިސަރވޭ ކުރެވުނު 55 ސަރަހައްދުގެ ތެރެއިން 51 ސަރަހައްދަކުން ކޮކާ ކޯލާ ކުންފުނީގެ ބްރޭންޑް ރަމްޒުކޮށްދޭ 13،834 ޕްލާސްޓިކް ކޮޅު ފެނިފައިވެއެވެ. މިއީ ޕްލާސްޓިކުން ތިމާވެށި ތަޣައްޔަރުކުރާ ކުންފުނި ތަކުގެތެރެއިން ނެސްލޭ އަދި ޕެޕްސީ ބްރޭންޑް ރަމްޒުކޮށްދޭ ޕްލާސްޓިކް ކުނިތައް އެއްކޮށްލުމުން ނުކުންނަށް ޖުމްލަ އަދަދަށްވުރެވެސް ގިނަ އަދަދެކެވެ. މިގޮތުން މިސަރވޭގައި ނެސްލޭ ކުންފުނީގެ ބްރޭންޑް ރަމްޒުކޮށްދޭ 8،633 ޕްލާސްޓިކް ކުނިކޮޅުފެނިފައިވާއިރު، ޕެޕްސީ ކުންފުނީގެ ބްރޭންޑް ރަމްޒުކޮށްދޭ 5،155 ޕްލާސްޓިކް ކުނިކޮޅުފެނިފައިވެއެވެ.

މިއާއެކު ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލުމަށް، ދުނިޔޭގެ 55 ގައުމު ހިމެނޭ ގްރީންޕީސް ޖަމިއްޔާއިން ވަނީ ކޮކާކޯލާ، ނެސްލޭ އަދި ޕެޕްސީ ކުންފުނީގެ ޕްލާސްޓިކާ ހެދި ތިމާވެށި ތަޣައްޔަރުވާ މިންވަރު އިތުރުވާކަމަށްް ބުނެ އެތަކެއް ތުހުމަތުތަކެއް ކޮށްފައެވެ. މިގޮތުން ތިމާވެށި ތައްޣައްރު ކުރުމަކީ މުޅި ދުނިޔެއަށް ނުރައްކާތެރި ކާރިސާއެއްކަމަށާއި މިކުންފުނިތަކުގެ އުފެއްދުންތައް ބަންދުރުމުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން މެނުވީ ހައްލަކަށް ނުވާނެކަމަށް ގްރީންޕީސް ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

"ތިމާވެށި ހިމާޔަތްކޮށް މޫސުމައްއަންނަ ބަދަލުތަކާއި ހަނގުރާމަކުރުމަށް ކޮކާކޯލާ، ނެސްލޭ އަދި ޕެޕްސީ ކުންފުނިން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ޖެހޭ. އަދި މި ކުންފުނިތަކުން ފޮަސިލް ފިއުލް ބޭނުންކުރުން ހުއްޓާލަން ޖެހޭ." ގްރީންޕީސް ޖަމިއްޔާގެ ސައުތު އޭޝިޔާގެ ކޯޑިނޭޓަރ އަބީގެއިލް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ޗޭންގިން މާރކެޓްސް ފައުންޑޭޝަން އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާގޮތުގައި ޕްލާސްޓިކް ކުނިން ދުނިޔޭގެ ތިމާވެށި ތަޣައްޔަރު ކުރުމުގެ ލިސްޓުގެ އެންމެ ކުރީގައިވެސް ހިމެނެނީ ކޮކާކޯލާ ކުންފުންޏެވެ. މިގޮތުން އަހަރެއްގެ މައްޗަށް 2.9 މިލިއަން ޓަނުގެ ޕްލާސްޓިކް ފުޓްޕްރިންޓް ކޮކާކޯލާ ކުންފުނިން ދޫކުރާ ކަމަށްވެއެވެ.

މިކަމާ ބެހޭގޮތުން ނެސްލޭ ކުންފުނިން ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު، ޕެޕްސީ ކުންފުނިން ބުނެފައިވަނީ އެކުންފުނީގެ އުފެއްދުންތައް ބަންދުރުމުގައި ބޭނުންކުރެވޭ ތަކެތިން ތިމާވެއްޓަށް ނުރައްކާ ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޕެޕްސީ ކުންފުނިން ބޭނުން ކުރާ ޕްލާސްޓިކް، 35 އިންސައްތައަށް މަދުކުރާނެކަމަށްވެސް ޕެޕްސީ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން ކޮކާކޯލާ ކުންފުނިން ބުނެފައިވަނީ 2030 ވަނައަހަރާ ހަމައަށް، އެކުންފުނިން ބޭނުން ކުރާ ޕްލާސްޓިކް 50 އިންސައްތައަށް މަދުކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން