ވިއެޓްނާމުގައި އުފައްދައި ވިއްކާ ހަނޑުލުގެ އަގު އުފުލި 10 އަހަރަށްފަހު ވިއެޓްނާމުން އިންޑިޔާގެ ހަނޑޫ ގަންނަންފަށައިފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ހަނޑޫ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ވިއެޓްނާމެވެ. ހަނޑޫ އެކްސްޕޯޓު ކުރުމުގައި އިންޑިޔާ އާއި ވާދަ ވެރިކޮށް އުޅެނީ ވެސް ވިއެޓްނާމެވެ.

ނަމަވެސް ވިއެޓްނާމުގައި މިދިޔަ 9 އަހަރު ތެރޭގައި ހަނޑުލުގެ އަގު ނުއުފުލޭ ވަރަށް އަގު އުފުލުމާ އެކީ ހަނޑުލުގެ ވިޔާފާރިގައި ވާދަ ކުރާ އިންޑިޔާއިން ހަނޑޫ ގަންނަން ފަށާފައިވާކަމަށް ވިއެޓްނާމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

މިކަން ޔަގީން ކޮށްދެމުން އިންޑިޔާގެ ހަނޑޫ އެކްސްޕޯޓު ކުރުމާ ބެހޭ އެސޯސިއޭޝަނުން ހާމަކޮށްފައިވަނީ އިންޑިޔާއިން ވިއެޓްނާމަށް ހަނޑޫ ވިއްކަން ފަށައިފިކަމަށާއި އަދި އިންޑިޔާއިން ހަނޑޫ ވިއްކާ އަގުތައް ތިރި ވުމުން ހަނޑޫ އެކްސްޕޯޓު ކުރުމަށް އިތުރަށް މަގުފަހިވާކަމަށެވެ.

ވިއެޓްނާމުގައި ހަނޑޫ ޓަނަކަށް 500 ޑޮލަރާއި 505 ޑޮލަރު ޖެހޭއިރު، އިންޑިޔާގައި ހަނޑޫ ޓަނެއް އުޅެނީ 381 ޑޮލަރާއި 387 ޑޮލަރާ ދެމެދުއެެވެ.

ވިއެޓްނާމުގައި ހަނޑުލުގެ އަގު އުފުލިފައިވަނީ ހަނޑޫ އުފެއްދުން ދަށައް ދިއުމާއެކުއެވެ. މިގޮތުން 2020 ވަނަ އަހަރު އެކަނިވެސް ވިއެޓްނާމުގައި ހަނޑޫ އުފެއްދުން 1.85 އިންސައްތަ ދަށައް ގޮސްފައިވާކަމަށް ވިއެޓްނާމުގެ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ. އަދި މިއާއެކު 2020 ވަނަ އަހަރު، ވިއެޓްނާމުން ހަނޑޫ އެކްސްޕޯޓް ކުރި މިންވަރު 3.5 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

މީގެ އިތުރުން ހަނޑޫ އެކްސްޕޯޓުކުރުމުގައި އެންމެ ކުރީގައި އުޅޭ ގަައުމުކަމަށްވާ ޗައިނާއިންވެސް އިންޑިޔާގެ ހަނޑޫ ގަންނަންފަށާފައިވެއެވެ. މިގޮތުން 30 އަހަރަށްފަހު ޗައިނާ އިން އިންޑިޔާގެ ހަނޑޫ ގަންނަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ. ޗައިނާއިން އިންޑިޔާގެ ހަނޑޫ ގަންނަން ފަށާފައިމިވަނީ ތައިލެންޑް، މިޔަންމާ، އަދި ވިއެޓްނާމުން ހަނޑޫ ސަޕްލައި ކޮށްދޭ މިންވަރު ދަށްވުމާއެކުއެވެ.

2020 ވަނަ އަހަރު އިންޑިޔާއިން ހަނޑޫ އެކްސްޕޯޓު ކުރާ މިންވަރު އިތުރުވެ 14 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓުކޮށްފައިވާކަމަށް އިންޑިޔާއިން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅޭ މާހިރުން ދެކޭގޮތުގައި، އޭޝިޔާގެ އެކި ގައުމުތަކުގައި ހަނޑޫ ސަޕްލައި ކުރެވޭ މިންވަރު މަދުވުމާއެކު، ހަނޑޫ އެކްސްޕޯޓު ކުރާ ގައުމުތައް މަދުވުމުން 2021 ވަނަ އަހަރު ހަނޑުލުގެ އަގު އުފުލުމަކީ އެކަށީގެންވާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން