ޖޯ ބައިޑެން އަދި ކަމަލާ ހެރިސް.
ޖޯ ބައިޑެން އަދި ކަމަލާ ހެރިސް.
2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަދި ކަމަލާ ހެރިސްގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސް އިން ބަލައިގެންފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިލެކްޓޯރަލް ވޯޓުގެ އެންމެ ފަހުގެ ނަތީޖާ އާއެކު ބައިޑެން އަދި ކަމަލާ ހެރިސްގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސް އިން ބަލައިގެންފައިވާކަމަށް އިއުލާން ކޮށްދެއްވައިފައިވަނީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް އެވެ. މިއާއެކު ޖެނުއަރީ 20 ވަނަދުވަހު އެމެރިކާގެ ރައީސްކަމަށް އަދި ނާއިބު ރައީސާ ކަމަށް ހުވާ ކުރައްވާނީ ޖޯ ބައިޑެން އަދި ކަމަލާ ހެރިސް ކަމަށް މައިކް ޕެންސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ވޯޓާއި އިލެކްޓޯރަލް ކޮލެޖް ވޯޓުންވެސް ބައިޑަން އިންތިޚާބު ކާމިޔާބު ކުރަށްވާފައިވާކަން ކަށަވަރުވެފައި ވާއިރުވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި ޓްރަމްޕްގެ ސަޕޯޓަރުންނަށް މަގުތަކަށް ނުކުމެ އަޑުއުފުލުމަށް ހިތްވަރު ދެއްވާފައިވެއެވެ. މީގެ ނަތީޖާ އަކަށްވީ ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަމުން ގޮސް ގާނޫނު ހަދާ މަޖިލީހަށް ވަދެ ހަމަނުޖެހުން ހިންގުމެވެ.

މިގޮތުން އިންތިޚާބުގެ އިލެކްޓޯރަލްވޯޓު ގުނައި އިންތިޚާބުގެ ނަތީޖާއާއި މެދު އެންމެ ފަހުގެ ބަސް އިއްވުމަށް ކޮންގްރެސްގައި މިއަދު ބަހުސް ހިނގަމުން ދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ފުލުހުންނާއި ކުރިމަތިލައި ގަދަކަމުން ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ވަދެގެންފައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ހުއްޓުވުމަށް ފުލުހުން ޕެޕަރ ސްޕްރޭގެ އިތުރުން ހަތިޔާރު ބޭނުން ކޮށްފައިވާއިރު ޓްރަމްޕްގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން ތަކުގައި 4 މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމް ވެފައިވާކަމަށްވެއެވެ. އަދި މިހާދިސާގައި 50 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާކަމަށްވެސްވެއެވެ.

މީގެ އިތުރުން، ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތަކަށް ހިތްވަރު ދިނުމާއެކު ޓްރަމްޕްގެ ފޭސްބުކް، އަދި ޓްވިޓަރ ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ.

މިއާއެކު ދުނިޔޭގެ އެކި ސިޔާސީ ވެރިން ވަނީ ޓްރަމްޕް އަދި ޓްރަމްޕްގެ ސަޕޯޓަރުން ކުއްވެރިކޮށް، ޑިމޮކްރަސީގެ ރީތި އުސޫލުތައް ދެމެހެއްޓުމަށް ގޮވާލާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބައިޑެން އަދި ކަމަލާ ހެރިސް ކާމިޔާބު ކުރަށްވާފައިވާކަން އެމެރިކާގެ ކޮންގްރެސް އިން އިއުލާން ކުރުމާއެކު، ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާން ތައްޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ނެރެފައިވާ ބަޔާނުގައި އިލެކްޝަންގެ ނަތީޖާ ގަބޫލު ނުކުރެއްވުނަސް ޖެނުއަރީ 20 ވަނަ ދުވަހު ރިޔާސަތުން ވަކިވުމަށް ކުރަން ޖެހިވަޑައިގަންނާ ކަންކަމަށް ތައްޔާރުވެ ހުންނެވި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ނިމިގެން މިދިޔައީ އެމެރިކާގައި މިހާތަނަށް ނުފެންނަ އެންމެ ބާރުގަދަ އެންމެ ކާމިޔާބު އެއް ރިޔާސަތު ކަމަށް ވެސް ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ބަޔާނެއް ނެރުއްވާފައިވަނީ، ގާނޫނާއެއްގޮތަށް އެމެރިކާގެ ރައީސްކަމުން ޓްރަމްޕް ވަކިކުރުމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް އާންމުވެފައިވަނިކޮށެވެ.

ބައިޑެން އަދި ކަމަލާ ހެރިސްގެ ކާމިޔާބީ އެމެރިކާގެ ކޮންގްރެސް އިން ބަލައިގަނެފައިވާކަމަށް އިއުލާން ކޮށްދެއްވުމަށްފަހު، އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޓްރަމްޕްގެ ސަޕޯޓަރުންގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާފައެވެ. އަދި އެމެރިކާގެ މަޖިލިސް ކުރާގެ ހިމާޔަތް ކުރުމުގައި އިސްސަފުގައި ހަރަކާތްތެރިވި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން އެއްވެސް ހާލަތެއްގައި އަނިޔާވެރިކަމަކީ ކާމިޔާބު ލިބޭނެ ދޮރެއް ނޫން ކަމަށާއި، ކާމިޔާބު ލިބޭނީ މިނިވަންކަމަށް ކަން އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން