އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފޭސްބުކްގެ ސީއީއޯ މަރކް ޒަކަރބާރގް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ފޭސްބުކްގެ ސީއީއޯ މަރކް ޒަކަރބާރގް
ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރަށްވައި ގައުމުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވައި މެސެޖްތައް ކުރަށްވަމުން ގެންދަވާ މައްސަލައިގައި ޓްރަމްޕްގެ ފޭސް ބުކް އަދި އިންސްޓަގްރާމް އެކައުންޓްތައް ބޭނުން ނުކުރެވޭގޮތަށް ހަދައިފިއެވެ.

މީގެ ކުރިން 24 ގަޑިއިރަށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފައި ވީނަމަވެސް، މި މުއްދަތު ހަމަވުމާ އެކު ފޭސްބުކް އިން ވަނީ ޓްރަމްޕްގެ ފޭސްބުކް އެކައުންޓްތައް މުއްދަތެއް ނެތް ގޮތަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައެވެ.

މިކަން އިއުލާން ކޮށްދެއްވާފައިވަނީ ފޭސްބުކްގެ ސީއީއޯ މަރކް ޒަކަރބާރގް އެވެ. އަދި މިފަދައިން ކަންތައް ކުރަން ޖެހުނީ ޑިމޮކްރަސީގެ ރީތީ އުސޫލުގެ ދަށުން ހޮވިފައިވާ އާ ސަރުކާރާ ދެކޮޅަށް ފޭސްބުކް ބޭނުންކޮށް އަނިޔާވެރިކަމަށް މަގުފަހިވާ ގޮތަކަށް ޓްރަމްޕްގެ ޕޯސްޓުތައް ހުރުމުންކަމަށް ވެއެވެ.

މިކަމާ ގުޅިގެން ފޭސްބުކްގެ ސީއީއޯ މަރކް ޒަކަރބާރގް އާންމުކޮށްފައިވާ ބަޔާނުގައި ފޭސްބުކް އަދި ފޭސްބުކް ގެ ދަށުން ހިންގޭ އިންސްޓަގްރާމް އިން ޓްރަމްޕްގެ އެކައުންޓްތައް މުއްދަތެއް ނެތް ގޮތަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވާކަމަށް އިއުލާން ކޮށްފައިވެއެވެ.

"އާރައީސަކު ހުވާ ކުރުމާއި ދޭތެރޭ މިއޮތް މުއްދަތަކީ ވަރަށް ވެސް ނާޒުކު މުއްދަތެއް. އަދި މިހިނގާދިޔަ ކަންތަކަށް ބަލާފަ އަހަރުމެންނަށް އެބަ އިނގޭ ކުރިއަށް މިއޮތް ދުވަސްތަކުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ފޭސްބުކް ފަދަ ތަކެތި ބޭނުން ކުރަން ހުއްދަ ދެވިއްޖެނަމަ ރިސްކް އޮންނާނެ މިންވަރު." މަރކް ޒަކަރބާރގް އާންމުކޮށްފައިވާ ބަޔާނުގައި ލިޔުއްވާފައިވެއެވެ.

މިގޮތުން ފޭސްބުކް އަދި ފޭސްބުކް ގެ ދަށުން ހިންގޭ އިންސްޓަގްރާމް އިން ޓްރަމްޕްގެ އެކައުންޓްތައް މަދުވެގެން ދެހަފްތާގެ މުއްދަކަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވާކަމަށްވެސް މަރކް ޒަކަރބާރގް އާންމުކޮށްފައިވާ ބަޔާނުގައި ވެއެވެ.

މީގެ ކުރިން 24 ގަޑިއިރަށް ޓްރަމްޕްގެ ފޭސްބުކް އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވަނީ ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގަން ފެށުމާއެކުއެވެ. ޓްރަމްޕް ވަނީ އެކި މީސްމީޑިޔާ އެކައުންޓްތައް ބޭނުންކޮށް، ޓްރަމްްޕްގެ ސަޕޯޓަރުންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން