އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖެހިފަހުން ޑޮކްޓަރަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފްލޮރިޑާ ސްޓޭޓްގައި ވަނީ ތަހުގީގު ފަށައިފައެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ގްރެގޮރީ މައިކަލް މަރުވެފައިވަނީ ފައިޒަަރގެ ވެކްސިން ޖެހިތާ ދެހަފްތާފަހުންނެވެ. މިއާއެކު ފްލޮރިޑާގެ ސިއްހީ ވުޒާރާތަކާއި، ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް ޕްރިވެންޝަން (ސީޑީސީ)ގެ ސެންޓަރުތަކާއި ގުޅިގެން ތަހުގީގު ފަށައިފައިވެއެވެ. މިގޮތުން މަރުވި ޑޮކްޓަރުގެ ހަށިގަނޑުން އޮޓޯޕްސީ ސާމްޕަލް ނަގައި ސީޑީސީ އަށް ފޮނުވައި، ޑޮކްޓަރު މަރުވުމާއި ވެކްސިނާއި ގުޅުން ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށްވެއެވެ.

މިކަމާބެހޭގޮތުން ފައިޒަރ ކުންފުނިން ބުނެފައިވަނީ އެތައް މިލިއަން މީހަކަށް އެކުންފުނީގެ ވެކްސިން ލިބިފައިވާކަމަށާއި ވަކި ވަކި ފަރުދުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނޭތޯ ފެށުނީއްސުރެން ބަލަމުންދާކަމަށެވެ. އަދި ޑޮކްޓަރު މަރުވެފައިވަނީ ވެކްސިން ޖެހިތާ 16 ދުވަސް ފަހުން ކަމަށްވުމުން، ފެންނާނެ ކަމަށް އުންމީދު ނުކުރާ އަލާމާތެއް ކަމަށްވާ އިންޓަރނަލް ބްލީޑިންގެ ސަބަބުން ޑޮކްޓަރ މަރުވުން އެކަށީގެން ވާކަމަށް ފައިޒަރ ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް މިކަން ޔަގީން ކުރެވޭނީ އޮޓޯޕްސީ ރިޕޯޓާއި ތަހުގީގަށް ރިއާޔަތްކޮށްފައިކަމަށްވެސް ފައިޒަރ ކުންފުނިން ބުނެފައިވެއެވެ.

މިހާދިސާ ތަހުގީގު ކުރުމާ ބެހޭގޮތުން ސީޑީސީ އިން ބުނެފައިވަނީ، ތަހުގީގަށް މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ދާނެކަމަށެވެ.

ނަމަވެސް މިހާދިސާ އަކީ ވެކްސިނާ ގުޅުންހުރި މަރެއްކަމަށް ދެނެގަތުމަކީ އުނދަގޫ ވާނެ ކަމެއްކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ހާމަކޮށްފައެވެ. އަދި ވެކްސިނެއް ޖެހުމަށް ފަހު ފެންނަ ސައިޑް އެފެކްޓްތައް ގިނަފަހަރު ގުޅުން ހުންނަނީ އެމީހެއްގެ ގައިގައި ހުންނަށް ބަލިމަޑުކަމަށާއި، ކާ ބޭހުގެ އިތުރުން ކުރިމަތިވާ އިތުރު ސިއްހީ ކަންތައްތަކަށް ކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން