ޕީްރޮފެސަރ އުގައިލް
ޕީްރޮފެސަރ އުގައިލް
ޕްރޮފެސަރ އުގައިލްއަކީ މިއަދު ރާއްޖެއާއި އަދި ދިވެހީންނާއި ކިތަންމެ ދުރުގައި ހުންނެވި ބޭފުޅެއް ނަމަވެސް ދިވެހީންނަށް އަދި ރާއްޖެއަށް ކުރިމަތިވާ އުފަލާއި ހިތާމަތަކުގައި ވެސް ވަރަށް ފުރިހަމައަށް، ޢަމަލާ ބަހުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެއިރެއްގައި ކުރިމަތިވާ ހާލަތަކާއި ގުޅޭ ގޮތުން އެކި އެކި މެސެޖްތައް ދެއްވައި ނަސޭހަތުގެ ބަސްތައް ވިދާޅުވަމުން ގެންދަވާވެސް ބޭފުޅެކެވެ. މިވަގުތު ޕްރޮފެސަރ އުގައިލްވެސް ކުރައްވަމުން ގެންދަވަނީ ދިވެހިން ވެސް ހަމަ ކުރަމުން ގެންދާ ތަޖުރިބާ ތަކެވެ. ދުނިޔޭގެ ކިތަންމެ ތަހުޒީބު އަދި ކުރިއަރާފައިވާ ޤައުމެއްގައި ހުންނެވި ނަމަވެސް އުގައިލްވެސް ހުންނެވީ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ދެއްވާ އިރުޝާދު ތަކަށް ފުރިހަމައަށް ކިޔަމަންވެ ބޯލަނބައި ގެންނެވެ. ހަމަ ފުރަބަންދުގައެވެ. ގޭބަންދުގައެވެ.

ރާއްޖެއަށް ކޯވިޑް-19 ގެ މާބޮޑު ބިރުވެރިކަމެއް ނެތް އިރު، އަދި އެކަމުގައި ދިވެހީންގެ މެދުގައި މާބޮޑު ވިސްނުންތެރިކަމެއް ކަންބޮޑުވުމެއް ނެތްއިރު ވެސް ޕްރޮފެސަރ އުގައިލް ވަނީ ދިވެހީންނަށް ވަރަށް ޢިބުރަތްތެރި މެސެޖްތަކަކާއި ފިލާވަޅުތަކެއް އުނގަންނައި ދެއްވަން މަސައްކަތް ކުރައްވާފައެވެ. މިއަދު ރާއްޖޭގެ ކަމާބެހޭ ބޭފުޅުން އެޖައްސަވާ ހިސާބުވެސް ޕްރޮފެސަރ އުގައިލް އޮތީ މާ ކުރިން ޖައްސަވައި، މިބަލީގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ދިވެހީންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެދުވަހު އުގެއިލް އެހިސާބު ޖެއްސެވުމުން ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. ގަބޫލެއް ނުކުރިއެވެ. ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހިގެން ބަދު ބަސްތައް ވެސް ބުނަމުން ގެންދިޔައެވެ.

ނަމަވެސް ހަގީގަތުގައި އުގައިލް އޭރު ދެއްވީ ވަރަށް ވެސް އަގުހުރި ފިލާވަޅެކެވެ. ޖެއްސެވީ ހަމަ ރަނގަޅު ހިސާބެކެވެ. ދެއްވަން އުޅުއްވީ ވަރަށް އަގުހުރި މެސެޖެކެވެ. އޭރުވެސް ޕްރޮފެސަރ އުގައިލް ދެއްވަން އުޅުއްވި މެސެޖަކީ ބަލީގެ ބިރުވެރި ކަމުގެ ވާހަކައެވެ. ޞިއްޙީ މާހިރުންގެ ބަސް ގަބޫލު ނުކޮށް ބައްޔާމެދު ފަރުވާ ކުޑަކޮށްލައިފިނަމަ ނުކުންނާނެ ނަތީޖާއެވެ. މިހާރު އެކިޔާ ކާވް އަރައިގެން ގޮސް އަތުނުޖެހޭ ވަރުވެދާނެ ވާހަކައެވެ. އެހެން ވެއްޖެ ނަމަ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން އެތައް ފުރާނައެއް ގެއްލިދާނެ ކަމުގެ ބިރުވެރި ކަމުގެ ވާހަކައެވެ.

މިއަދު ރާއްޖޭގެ ޞިއްޙީ މާހިރުންވެސް އެވިދާޅުވަނީ ހަމަ އެވާހަކައެވެ. ބަސް ގަބޫލު ނުކޮށް، ފަރުވާ ކުޑަކޮށްލައިގެން އުޅުމުން ހިސާބު އަދަދުން ހަމަ ދައްކަނީ ޕްރޮފެސަރ އުގައިލުވެސް ޖެއްސެވި ހިސާބެވެ. އުގައިލް ޖެއްސެވި ހިސާބަކީވެސް ފަރުވާކުޑަކޮށްލައި ބަސް ގަބޫލުނުކޮށްފި ނަމަ ދާނެ ހާލަތުގެ ވާހަކައެވެ. އެހާލަތަށް ހިނގައްޖެ ނަމަ 10 ހާހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ވާހަކައެވެ. 100 ހާހަށްވުރެ ގިނަ މީހުން ބަލީގެ ޝިކާރައަކަށް ވެދާނެ ވާހަކައެވެ.

އެދުވަހު ދިވެހީންގެ ގިނަ ބަޔަކު އުގައިލް ޖެއްސެވި ހިސާބު ބަލައި ނުގަތީއެވެ. އަދި އުގައިލް ދެއްވަން އުޅުއްވި މެސެޖްގެ އަޑު އަހާލަންވެސް ބޭނުން ނުވީއެވެ. ހިސާބު އަކުރުން އަދަދުތައް ނުދެއްކެވި ނަމަވެސް އޭރު ރާއްޖޭގެ ޞިއްޙީ މާހިރުންވެސް ވިދާޅުވަމުން ގެންދެވީ މިބަލީގެ ބިރުވެރި ކަމުގެ ވާހަކައެވެ. ދެއްވި އިރުޝާދަކީ ޒަރޫރީ ހާލަތެއްގައި މެނުވީ ގެއިން ނުނުކުމެ އަމިއްލައަށް ގޭބަންދުގައި ތިބުން އިހުތިޔާރު ކުރުމަށެވެ. ޒަރޫރީ ހާލަތުގައި ނުކުމެ އުޅޭ އިރުވެސް އިޖުތިމާޢީ ގައިދުރުކޮށްގެން އުޅުމަށެވެ.

ޕްރޮފެސަރ އުގައިލް އެދުވަހު މަޢާފަށް އެދި ވަޑައިގެންނެވީ އެއްގޮތަކަށް ވެސް ޖެއްސެވުނު ހިސާބު ގޯސްވެގެންނެއް ނޫނެވެ. ދޭން ބޭނުންފުޅުވި މެސެޖް ދިވެހީންގެ ތެރެއިން ބައެއް މީހުން ގަބޫލުނުކޮށް ހިތްހަމަ ނުޖެހުމުން މާފަށް އެދިވަޑައިގަތީއެވެ. ހަގީގަތުގައި އެއީ ލިބިވަޑައިގެންފައިވާ ޢިލްމާއި އެއްވަރަށް ޙިލްމުވެސް ލިބިވަޑައިގެންފައި ހުންނެވީމައެވެ. ބަޔަކު ހިތްހަމަ ނުޖެހޭ ކަމެއް ކުރެއްވިއްޖެ ނަމަ އެންމެ ރިވެތި އަޚުލާގަކީ މާފަށް އެދިވަޑައިގަތުން ކަމުގައި ގަބޫލުފުޅު ކުރައްވާތީއެވެ.

މިވަގުތު ދިވެހީން މިތިބީ މި ނުރައްކަލުގެ ހާސްކަމުގެ ތެރޭގައެވެ. ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މުޖުތަޢުގައި މި ނުރައްކާތެރި ރޯގާބަލިމަޑުކަން ފެތުރެން ފެށީމައެވެ. ބަލި ޖެހިފައި ހުރީ ކާކަށްކަމެއް ވެސް ނޭނގޭތީއެވެ.

ކޯވިޑް-19 ގެ ބިރުވެރިކަމާއި ހާސްކަމާއެކު ގޭބަންދުވެ އަމިއްލަ ގޭގައިވެސް ގައިދުރު ކަމުގައި އުޅެންޖެހިފައިވާ މިދަޑިވަޅުގައިވެސް ޕްރޮފެސަރ އުގައިލް ދެއްވީ ވަރަށްވެސް ޢިބުރަތުން ފުރިގެންވާ އަގުހުރި ނަސޭހަތެކެވެ.

މިއަދު އުގައިލް ދެއްވި ނަސޭޙަތަކީ އެކުވެރިކަން އިހުތިޔާރު ކުރުމަށެވެ. އެކަކު އަނެކަކަށް ލޯތްބާއި، އަޅާލުން އިތުރު ކުރުމަށެވެ. އެކަކު އަނެކަކަށް ހަމްދަރުދީ ވުމަށެވެ.

"އެކުވެރިކަން، ލޯބި، އަޅާލުން، ހަމްދަރުދީވުން. މިއީ ވަކިން ޚާއްޞަކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި އިސްކުރަން ޖެހޭ މުހިއްމު ސިފަތައް." ޕްރޮފެސަރ އުގައިލް ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ހަގީގަތުގައިވެސް ޕްރޮފެސަރ އުގައިލް އެވިދާޅުވެދެއްވީ އަސްލު ދިވެހީންގެ ސިފަތަކެވެ. މީގެކުރިންވެސް މިފަދަ ދަތި ހާލަތުތަކުގައި ދިވެހީންގެ ފަރާތުން ފެނިގެން ގޮސްފައިވާ ރީތި އާދަތަކެވެ. ކުރީގައި ތެލި ކަހާ އަޑު އިވުނީމާ، އަވަށްޓެރިއާގެ ގޭގައި ކާނެއެއްޗެއް ނެތްކަން ޖެހިގެން އިންވެގެން ހުންނަގޭގެ މީހުންނަށް އެނގުނީމާ އެގޭގައި ހުރި އެއްޗެއް ހިފައިގެން އައިސް އަވަށްޓެރިޔާއަށް ދީހަދާހެން މިއަދު އެކަން ނުކުރެވިދާނެއެވެ. އެކަމަކު މިއަދު އެނޫނަސް ތިމާގެ އަޚާއަށް އެހީތެރިވެވޭނެ ކިތަންމެ ގޮތްތަކެއް އެބަހުއްޓެވެ. ބޭނުން ޖެހިފައިވާ މީހާގެ މުހުތާދުތަކަށް ފަރުވާއެއް ދެވޭނެ އެތައް ގޮތެއް އެބައޮތެވެ.

އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އަމަލުތައް ހުރީ މިއާއި ދިމާ އިދިކޮޅަށެވެ. މިއޮށްފަދަ ހައްސާސް ހިތްދަތި ދަނޑިވަޅުގައިވެސް، ތިމާއަށް ފެނިގެން ކަމާބެހޭ ފަރާތަކުން މީހަކާ ސުވާލު ކޮށްލިއަސް ނުވަތަ މީހަކު ޔޯލަކޮށްލާފައި މިވެނި މީހަކަށް ހުރީ ބަލި ޖެހިފައޭ ބުނާއިރަށް އޭނާގެ ފޮޓޯ މީސްމީޑިއާގައި ޖަހާ އޭނާއަކީ ބަލިޖެހިފައިވާ މީހެއްކަމަށް އިޢުލާންކޮށް އޭނާ ފަޟީހަތްކޮށް ބޭޒާރުކޮށްލަނީއެވެ. އެއްވެސް ކަމެއް ނެތިފައި ގޭގައި ތިބެން ޖެހުނީމާ ފޫހިފިލުވާލަން ވެސް ކޮންމެވެސް މީހަކާ ދިމާކޮށްލާ މީހަކު ހާރުވާލެވުމަކީ މާ މޮޅު ކަމެއް ކަމުގައި ގަބޫލުކުރެވެނީއެވެ. އެހެންވީމާ މީހަކު ދޭ އިރުޝާދެއްވެސް ރަނގަޅު ނަސޭހަތެއްވެސް ގަބޫލުކުރަން ބޭނުން ނުވަނީއެވެ. މިއީ މި ރޯގާބަލިމަޑުކަމާއެކު މި މުޖުތަމަޢުން ފިލައިގެން ދާންޖެހޭ ބަލިމަޑުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


25

ޢީސާފުޅު

23-Apr-2020

އުގައިލް ޖެއްސެވީވެސް ރަނގަޅު ހިސާބެކެވެ. ރައީސް ނަޝީދުވެސް ކުރެއްވީ ރަގަޅު ތަޞައްވުރެކެވެ. ޢެމްޕީ ޢީސަވެސް ވިދާޅުވީ ހެޔޮ ވާހަކައެކެެވެ. ޢެކަމަކުވެސް ގޮތްހުރި ޝަރަފުވެރި ދިވެހިންގެ ޣާފިލުކަމާއި ގިނަބަޔަކު ގަނެގެން އުޅޭ ސަެޓްފިކެޓް ޢިލްމުވެރިކަމެއްގެ މޮޅުކަމުން ހެވެއް ރަގަޅެއް ނުވިސްނުނީ ނޫންތޯއެވެ. ނުރުހޭ ކޮންމެ މީހަކަށް ޖަދަލު ކުރާ އުޞޫލާ ޝުކުރުވެރިވުން އަމުދަކުންނެތް ހަޑިމުޑުދާރު އުޞޫލު ގެންގުޅޭ ބަޔަކަށް ކަމެއް ރޭކާލާނީވެސް ވާނެހައެއްޗެއް ވާފަހުންނެވެ.


0

ކޮވިޑް19

22-Apr-2020

މިއޮންހާ ދުވަހު ކުލި ދައްކައިގެންތިބީ މިއަދު ވަޒީފާވެސް ގެއްލި މިމަހު ކުލި ނުދެއްކުނީމާ ކިޔަވާ ދެކުދިން ގެއިންނެރެ މަގުމަތިކޮއްލީި އިންސާނިއްޔަތުގެ ކަންފުޅެއްވެސްނެތީ..!!


25

ާަނަސްރު

22-Apr-2020

ޥަރަށް ފުރިހަމަ



ޓްރެންޑިން