ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ގޭގައި ތިބެގެން ކިޔަވަން ޖެހިފައިވާ ދުވަސް ވަރެއްގައި ފަސޭހައިން އިންޓަރނެޓް ލިބުމަކީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ.

މިގޮތުން އިންޑޮނޭޝިޔާގައި އެތައް މިލިއަން ދަރިވަރުންނެއް ގޭގައި ތިބެގެން ކިޔަވަން ޖެހިފައިވީއިރު އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމާއި މާލީ ހާލަތުގެ ގޮތުން އިންޓަރނެޓް ހޯދުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

މިއާއެކު އިންޓަރނެޓް ލިބުމަށް މާލީ ތަނަވަސްކަން ނެތް ކުދިންނަށް ހާއްސަކޮށް އިންޑޮނޭޝިޔާގެ ކުނި ވިއްކާ ކުންފުންޏަކުން، އިންޓަރނެޓް ފޯރު ކޮށްދިނުމަށް ވައިފައި ސްޓޭޝަންތަކެއް އުފައްދާފައިވެއެވެ. މި ވައިފައި ސްޓޭޝަންތަކުން ދަރިވަރުން ގެންނަ، އުކާލާ ޕްލާސްޓިކް ކުނި ދިނުމުން އެވިއްކައި, އޭގެން ލިބޭ ލާރިއަށް އިންޓަރނެޓް ގަނެ، އެދަރިވަރުންނަށް ވައިފައި މެދުވެރިކޮށް އިންޓަރނެޓް ހިލޭ ދޫކުރަންފެށިއެވެ.

ހިލޭ އިންޓަރނެޓް ފޯރުކޮށްދިނުމުގައި ވައިފައި ސްޓޭޝަންތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ މަސް ހުސްވުމުގެ ކުރިން ގަންނަ އިންޓަރނެޓްކޮޅު ހުސްވުމެވެ. މިގޮތުން މިވައިފައި ސްޓޭޝަނުން ދަރިވަރުންނަށް ހިލޭ އިންޓަރނެޓް ފޯރުކޮށްދެނީ ހަފްތާ އަކު ތިން ދުވަހުއެވެ.

އިންޑޮނޭޝިޔާގައި މާލީ ހާލަތު ތަނަވަސް ނުވާ މީހުން ގިނަ ވުމާއެކު އިންޑޮނޭޝިޔާގެ 80 އިންސައްތަ އަށްވުރެއް ގިނަ ގޭބިސީގައި އިންޓަރނެޓް ލިބޭކަށް ނުހުރެއެވެ.

ނަމަވެސް، އިންޑޮނޭޝިޔާގައި ގިނަ މީހުންނަކީ މޯބައިލް އިންޓަރނެޓް ބޭނުން ކުރާ މީހުންނެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ސްކޫލް ތައް ބަންދު ކުރުމުން އޮންލައިން ކްލާސްތަކުގައި ބައިވެރިވުމަށް މާލީ ހާލަތުގެ ތަނަވަސްކަން ނެތް ދަރިވަރުންނަށް އެހީތެރިވުމަށް ނިކުތީ އިންޑޮނޭޝިޔާގެ ދަރުމަވެރިންނެވެ. މި ދަރުމަވެރިން ހިލޭ ސާބަހަށް ދަރިވަރުންނަށް އިންޓަރނެޓް ފޯރުކޮށްދިނީ ފޯނު މެދުވެރިކޮށެވެ. މީގެ އިތުރުން އިންޓަރނެޓް ބޭނުންކުރުމުގެ ވަސީލަތް ފޯރުކޮށްދިނުމުގައިވެސް މިކުދިން ވަނީ އެހީތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން