ނޯވޭގައި ކޮވިޑުން ރައްކާތެރި ވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ޖެހި 23 މީހަކު މަރުވުމާއެކު ޗައިނާގެ ސައިންސްވެރިންނާއި، ސިއްހީ މާހިރުން ވަނީ ފައިޒަރގެ ވެކްސިން ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.

ނޯވޭގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމަށް ފަހު 23 މީހުން މަރުވުމުގެ ހާދިސާ އާއި ބެހޭގޮތުން ޗައިނާސް ގްލޯބަލް ޓައިމްސްގެ ރިޕޯޓެއްގައި ޗައިނާގެ ސައިންސްވެރިންނާއި، ސިއްހީ މާހިރުން ގޮވާލަނީ މިހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށެވެ. އަދި ވެކްސިން ޖެހުމަށްފަހު މަރުވި މީހުންނާއި ވެކްސިނާއި ގުޅުމެއް ވޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަނީ އެދިފައެެވެ.

ނޯވޭގައި ވެކްސިން ދިން 23 މީހަކު މަރުވިކަން އާންމުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިގޮތުން ނޯވޭގެ ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިމީހުން މަރުވެފައި ވަނީ ފައިޒަރގެ ވެކްސިނުގެ ފުރަތަމަ ޑޯޒު ލިބުނުތާ ދުވަސްތަކެއްވީފަހުންނެވެ. އަދި މީގެ ތެރެއިން 13 މީހުންނަކީ ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިބި ބަލި މީހުންނެވެ.

މީގެ އިތުރުން ވެކްސިން ދީފައިވާ މީހުންގެ ތެރެއިން މިހާތަނަށް 29 މީހަކު ޖުމްލަ މަރުވެފައިވާ ކަމަށް ނޯވޭގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

މިކަމާ ގުޅުވައިގެން ޗައިނާގެ ސައިންސްވެރިންނާއި، ސިއްހީ މާހިރުން ވަނީ ފައިޒަރގެ ވެކްސިން ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ހާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމުގައި ސަމާލު ވުމަށްވެސް ގޮވާލައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން