އޮކްސްފޯރޑްގެ ސައިންސްވެރިއަކު ވެކްސިން އުފެއްދުމުގެ މަސައްކަތުގައި
އޮކްސްފޯރޑްގެ ސައިންސްވެރިއަކު ވެކްސިން އުފެއްދުމުގެ މަސައްކަތުގައި
ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަލިމީހުންނަށް ވެކްސިން ދީގެން ވެކްސިން ޓެސްޓުކުރުމަށް ކުރާ ފުރަތަމަ ތަޖުރިބާ މި ހަފުތާގެ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ފަށާގޮތަށް ނިންމައިފިއެވެ.

އިނގިރޭސި ސަރުކާރާ ހަވާލާދީ ދަ ގާރޑިއަން ގައި ބުނެފައިވަނީ އިނގިރޭސި ވިލާތުގައި ވެކްސިން އުފައްދާ މަޝްހޫރު ދެ ފަރާތަކާއި ހަވާލުކޮށްގެން ބޮޑު ހޭދައެއް ކޮށްގެން ހިންގާ މި ދެ ޕްރޮޖެކްޓްގެ ތެރެއިން ބުރާސްފަތި ދުވަހު ބަލިޖެހިފައިވާ މީހުންނަށް ދީގެން އަޖުމަބަލާ ވެކްސިނަކީ އޮކްސްފޯރޑް ޔުނިވަރސިޓީ ކުރިއަށް ގެންދާ ވެކްސިން ޕްރޮޖެކްޓުގެ އުފެއްދުމެއް ކަމަށެވެ. އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކްއާއި ހަވާލާދީ އެނޫހުން ބުނެފައިވަނީ މިހާރުވެސް މިއީ 80 އިންސައްތަ ޔަގީންކަން ލިބިފައިވާ ވެކްސިނެއް ކަމަށެވެ. ކޯވިޑް-19 ޖައްސާ ވައިރަހާއި ދެކޮޅަށް އުފައްދާ ދެވަނަ ވެކްސިން ޕްރޮޖެކްޓަކީ އިމްޕީރިއަލް ކޮލެޖުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

"ހަގީގަތުގައި މިވަރުގެ މަސައްކަތެއް ކުރުމަކީ ދުވަސްތަކެއް ނަގާނެ މަސައްކަތެއް. ވެކްސިން އުފެއްދުމުގެ މަސައްކަތުގައި އޮންނާނީ އަޖުމަބެލުމާ ޓެސްޓު ކުރުމާއި، އަޖުމާބެލުމާ ޓެސްޓު ކުރުން. ވެކްސިނެއް އުފެއްދުމަކީ އެކަހަލަ އެތައް މަރުހަލާތަކެއް ކަޑަތު ކުރަންޖެހޭ މަސައްކަތެއް. އެކަމަކު މިވެކްސިން އުފެއްދުމަށް ދެވެން އޮތް އެއްބާރުލުމާ އެހީތެރިކަމެއް ދީގެން މިމަސައްކަތް އަވަސް ކުރުވީ." ހެލްތު ސެކްރެޓަރީ ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ، މެޓް ހޭންކޮކް މިއަދު ވިދާޅުވީ ވެކްސިން ޓެސްޓުކުރުމަށް އިންސާނުން ހިމަނައިގެން އޮކްސްފަރޑް ޔުނިވަރސިޓީގެ ފަރާތުން ކުރިއަށް ގެންދާ އަޖުމަ ބެލުމުގެ ފުރަތަމަ ތަޖުރިބާ މި ހަފުތާގެ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ވެކްސިން އުފެއްދުމަށްޓަކައި ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހައި އެހީތެރިކަމެއް ދީފައިވާނެކަމަށާއި ދުނިޔޭގެ އެއްވެސް ޤައުމަކުން މިކަމަށް ނުކުރާވަރުގެ ބޮޑު ހޭދައެއް އެޤައުމުން ކުރާކަމަށް އޭނާ ވިދާޅުވިއެވެ. ހޭންކޮކް ވިދާޅުވީ ކޯވިޑް-19 ޖައްސާ ވައިރަހުން ސަލާމަތްވެވެން އޮތީ ވެކްސިނެއް އުފެއްދިގެން ކަން އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމަށެވެ.

ޕްރޮފެސަރ ސާރާ ގިލްބަރޓްގެ ބެލުމުގެ ދަށުން މި ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ އޮކްސްފޯޑްގެ ޓީމުން ބުނީ އެމީހުންގެ އުންމީދަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވެކްސިނުގެ މިލިއަނަކަށްވުރެ ގިނަ ޑޯޒު ތައްޔާރުކުރުމެވެ. ހެލްތު ސެކްރަޓަރީ ވިދާޅުވީ މި ވެކްސިނަކީ 80 އިންސައްތަ ކާމިޔާބު ވެކްސިނެއްކަން ކަށަވަރުވެފައިވާތީ އަޖުމަ ބެލުމުގެ މަސައްކަތް ކުރިއަށްދާއިރު އެއްމިލިއަން ވެކްސިން އުފެއްދުމުގެ މަސައްކަތްވެސް އެމީހުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ސެޕްޓެމްބަރ މަހުގެ ތެރޭގައި އިނގިރޭސިންނަށް ވެކްސިން ދޭން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އިމްޕީރިއަލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ކްލިނިކަލް އަޖުމަބެލުންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ހޭންކޮކް ވިދާޅުވީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން ވެކްސިން އުފެއްދުމަށް ނުކުރާހާ ބޮޑެތި ހަރަދުތަކެއް އިނގިރޭސިވިލާތުން ކޮށްފައިވާނެކަމަށާއި، ވެކްސިން ތައްޔާރުވާންދެންވެސް އެގޮތުގައި ދެމިތިބޭނެކަމަށެވެ. އެގޮތުން، ހޭންކޮކްވަނީ އިމްޕީރިއަލަށް އިތުރު 22.5 މިލިއަން ޕައުންޑް އަދި އޮކްސްފޯޑަށް 20 މިލިއަން ޕައުންޑު ދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 129,044 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 17،337 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން