ފިނޮޅަށް ގެއްލުންދީފައި
ފިނޮޅަށް ގެއްލުންދީފައި
ގިލިލަންކަންފުށި ރިސޯޓުގެ ބަޔަކު ކ. ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅަކަށް އަރައި ގެއްލުން ދިން މައްސަލާގައި ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ފުރުން މަނާކޮށްފިއެވެ.

ގިލިލަންކަންފުއްޓާއި ހިންމަފުށްޓާ ދެމެދުގައި އޮންނަ މި ކުޑަ ފިނޮޅަށް ގެއްލުންދީފައިވަނީ ހިންމަފުށީ ރައްޔިތުން އެ ތަނަށް ދަތުރުދާތީ ފަތުރުވެރިންނަށް އުނދަގޫވާކަމަށް ބުނެއެވެ. އުދައްޔާއި ފަކީރާ ފަދަ ތަކެތި ހިފައިގެން ފިނޮޅަށް އަރައި އެ މީހުން ވަނީ ފިނޮޅަށް ގެއްލުންދީފައެވެ. އެ މައްސަލާގައި ތިމާވެއްޓާބެހޭ ވުޒާރާއާއި، އީޕީއޭ އާއި ފުލުހުން ގުޅިގެން ދަނީ ޚާއްސަ ތަހުޤީޤެއް ހިންގަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެނޑި މައްސަލައާ ގުޅިގެން ގިލިލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ރޭގެ ވަގުތެއްގައި ކޯޓަށް ހުށައެޅުމުން އޭނާ ފުރުން މަނާކުރުމުގެ އަމުރު ލިބިފައިވާ ކަމަށެވެ. އަދި އެކަން ކަމާގުޅުންހުރި މުއައްސަސާތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ރިސޯޓަށް ގެއްލުންދިން މައްސަލާގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ ހިންމަފުށްޓާއި ގިލިލަންކަންފުއްޓާ ދެމެދު އޮތް ރީތި ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް އަރައި އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކޮށްފައިވާ ކަމަށެވެ. އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް މިހާރު ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.

އޭގެ އިތުރުން ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖޭގެ 11 މަދަނީ ޖަމިއްޔާ އަކުން މިއަދު ވަނީ ގޮވާލާފައެވެ. އެގޮތުން ދިވެހިރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަހައްމަލްކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމެއް ކަމަށާއި، މިގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ގައުމުގެ ގުދުރަތީ ވަސީލަތްތައް ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

އަދި ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ ޖަރީމާތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށާއި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އަށް ފުރިހަމަ ބާރު ދިނުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭކަމެއްކަން ހަނދާންކޮށްދީ، އީޕީއޭއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާ ފުރިހަމަ ބާރުތައް ދިނުމަށްވެސް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން